ޚަބަރު

ހުވާކުރާތާ 90 ދުވަހުގެ ތެރޭގައި މެންބަރުންގެ މާލީ ބަޔާން ހުށައަޅަންޖެހޭގޮތް ހަދަނީ


  • 90 ދުވަސް ތެރޭ މާލީ ބަޔާން ހުށައަޅަންޖެހޭގޮތަށް ލަފާދެއްވީ ކައުންސެލް ޖެނެރަލް

  • އެ ނިންމުން ފާސްކުރީ ކޮމިޓީގެ އަޣްލަބިއްޔަތުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށައަޅަންޖެހޭގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމެނުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މިހާރު އާންމު ކޮމިޓީގައި ކުރިއަށްދަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އެކުލަވާލުމުގެ މަސައްކަތެވެ. މިއަދު ކުރިއަށްދިޔަ ޢާންމު ކޮމިޓީގެ ބައްދަލުވުމަށް މެންބަރުންގެ މާލީ ބަޔާން ހުށައެޅުމާ ގުޅޭގޮތުން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާގެ ލަފައެއް ވަނީ ހުށައަޅާފައެވެ.

މި ލަފާގައިވަނީ 19 ވަނަ މަޖިލީހުގެ ގަވައިދުގައި މަޖިލީހުގެ މެންބަރެއްގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށައަޅަންވާނީ، އެ މެންބަރެއްގެ މެންބަރުކަމުގެ ހުވައިކުރާ ތާރީޚުން ފެށިގެން، 1 އަހަރު ދުވަސް ފުރިހަމަވުމުންކަމަށް އޮންނަ އޮތުން ބަދަލުކުރުމަށެވެ. އެގޮތުން 20 ވަނަ މަޖިލީހުގެ ގަވައިދު އެކުލަވާލާއިރު، ހުވާކުރާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށައަޅަންޖެހޭގޮތަށް ބަދަލުކުރުމަށް ކައުންސެލް ޖެނެރަލް ކޮމިޓީއަށް ލަފާދެއްވާފައިވެއެވެ.

ކައުންސެލް ޖެނެރަލްގެ ލަފަޔާ އެއްގޮތަށް 20 މަޖިލީހުގެ ގަވައިދުގައި އެކަން ހިމެނުމަށް ކޮމިޓީއަށް ހުށައެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އަދި މި ހުށައެޅުމަށް ތާޢީދު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލެވެ. މި ހުށައެޅުން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށައަޅަންޖެހޭނީ މަޖިލީހުގެ އަމީން އާންމަށެވެ. 19 ވަނަ މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން މެންބަރުންގެ ބަޔާން، އަނބި/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން މަޖިލީހުގެ ވެބްސައިޓުގައި ޝާޢިރުކުރަންޖެހޭނެއެވެ. މި ގަވައިދުގައިވާ ގޮތުން މާލީ ބަޔާން ހުށައަޅާއިރު ހުށައަޅަންޖެހޭ މުދަލާއި ފައިސާގެ ތަފްސީލް ޤާނޫނުއަސާސީގައިވަނީ ބަޔާންކޮށްފައެވެ.

20 ވަނަ މަޖިލީހުގެ ގަވައިދު އެކުލަވާލެވެންދެން ޢަމަލުކުރަމުންދާނީ 19 ވަނަ މަޖިލީހުގެ ޤަވާއިދަށެވެ.