ޚަބަރު

"ދިވެހިރާއްޖޭގެ އެއްވެސް ބައެއް، ބޭރުގެ އެއްވެސް ބާރަކަށް ނުދޭނަން"


  • ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ބަޔަކާ ޙަވާލުނުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު

  • ސަރުކާރުގެ ސިޔާސަތާ ޚިލާފަށް އެއްވެސް ފަރާތަކުން ބޭރު ބަޔަކަށް ދަޢުވަތު ނުދިނުމަށް އިލްތިމާސްކުރެއްވި

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ބޭރުގެ އެއްވެސް ބާރަކަށް ނުދެއްވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދެއްވައިފިއެވެ.

ސަރުކާރުން މި ޔަޤީންކަންދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި އެއްވެސް ހާލެއްގައި އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ އަދި ބަދަލުނުކުރެވޭނެ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއް ކަމަށާއި އެ ހުދޫދުގެ ތެރެއިން، ރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި ޤައުމުގތެ މިނިވަންކަމާއި ދިވެހިދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއްކަން ތާރީޚުން ހެކިދޭ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ޖޯގުރަފީއަށް އިޝާރާތް ކުރައްވައި ސަރުކާރުން ވިދާޅުވީ ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ޤައުމެއް ކަމަށާއި ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށާއި އެމޭރުމުން ދުނިޔެއާއި ސަރަޙައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ރާއްޖެއިން ކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތުކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ. މި ސިޔާސަތަކީ ސަރަޙައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުޢާމަލާތުތަކަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމަށް ރާއްޖެއިން ގެންގުޅޭ މުހިންމު ސިޔާސަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވިދާޅުވީ ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތަކަށް ހުޅުވައިލުމަކީ ޤައުމުގެ މިނިވަންކަމަށާއި ދިވެހި ދައުލަތުގެ ސިޔާދަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށެވެ. އަދި އެއީ ސަރަޙައްދުގެ ހަމަޖެހުމާއި ސަލާމަތަށް އަސަރުކުރާނޭ ކަމެއް ކަމަށާއި އެހެންވެ، އެގޮތަށް ކަންކަން ނުކުރުމަކީ ދިވެހިސަރުކާރުގެ އަސާސީ ސިޔާސަތުކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ދެއްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ބޭރުގެ ނުފޫޒަކަށް، ސީދާ ނުވަތަ ނުސީދާ ގޮތަކުން ވިޔަސް، އެއްވެސް ފަރާތަކުން ދަޢުވަތު ނުދިނުމަށް ދިވެހިސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.