ޚަބަރު

އެމްޑީޕީއަށް ބައި-އިލެކްޝަތައް ކާމިޔާބުނުވި، ފައްޔާޟް ވިދާޅުވީ މާޔޫސްވާންޖެހޭ ސަބަބެއް ނެތްކަމަށް


  • 6 ބައި-އިލެކްޝަނުގެ ތެރެއިން އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވި

  • ފައްޔާޟް ވިދާޅުވަނީ ޕާޓީގެ ކުރިމަގުގައި އޮތީ ކާމިޔާބު ދުވަސްތަކެއްކަމަށް

ނިމިދިޔަ ބައި-އިލެކްޝަންތަކުން އެމްޑީޕީއަށް ކާމިޔާބު ނުވިނަމަވެސް މާޔޫސްވާން ޖެހޭ ސަބަބެއް ނެތްކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި 6 ބައި-އިލެކްޝަންތަކުގެ ތެރެއިން އިދިކޮޅު އެމްޑީޕީއަށް އެންމެ ބައި-އިލެކްޝަނެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެ 6 ބައި އިލެކްޝަންގެތެރެއިން 5 ބައި-އިލެކްޝަން ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. އަދި އަމިއްލަ ކެނޑިޑޭޓަކު ވަނީ އެއް ބައި-އިލެކްޝަން ކާމިޔާބުކޮށްފައެވެ. އިތުރު 3 ބައި އިލެކްޝަނަކަށް ހުޅުވާލުމުން ކުރިމަތިލީ ޕީއެންސީގެ ކެންޑިޑޭޓުން އެކަނިކަމަށްވާތީ، އިންތިޚާބަކައި ނުލައި ޕީއެންސީއަށްވަނީ އެ ތިން ދާއިރާވެސް ކާމިޔާބުވެފައެވެ.

އިންތިހާބުތަކުގައި އެމްޑީޕީއަށް ބޮޑެތި ނާކާމިޔާބީތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެޕާޓީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވަނީ ޕާޓީ ކެނޑިޑޭޓުން ކުރި ހިއްވަރަށް ޝުކުރު އަދާކުރައްވާފައެވެ. ފައްޔާޟް ވަނީ މި އިންތިޚާބުގައި ވޯޓުލީ މަދުބަޔަކުކަން ފާހަގަކުރައްވާ އިންތިހާބުގެ ނަތީޖާއާއި މެދު މާޔޫސްވާން ޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތާއެކު ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށް ފައްޔާޟް ވިދާޅުވިއެވެ.

ފައްޔާޟް މިހެން ވިދާޅުވިއިރު، ރިޔާސީ އިންތިޙާބާއި، އޭގެފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި، ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުން އެ ޕާޓީއަށް ލިބިފައިވަނީ ބޮޑު ނާކަމިޔާބީއެކެވެ. ރިޔާސީ އިންތިހާބަށް ފަހު އެޕާޓިއަށް ކާމިޔާބުކުރެވުނީ މާލެ ސިޓީ މޭޔަރު އިންތިޚާބު އެކަންޏެވެ.

އެމްޑީޕީން ދަނީ އެޕާޓީ ހަރުދަނާ ކުރުމަށް މަގުޗާޓެއް އެކުލަވާލައި، އެކަމަށް ޕާޓީގެ މެންބަރުން ޚިޔާލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕާޓީގެ ލީޑާޝިޕްުން ވަނީ ދެކުނު ދެއަތޮޅަށް މިކަމާ ގުޅިގެން ޒިޔާރަތްކޮށްފައެވެ.