ނޭޝަނަލް ޖޮބް ސެންޓަރުގެ ނަން "ނޭޝަނަލް ކެރިއަރ ސާވިސް" އަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 ޖުލައި 2024 ވީ އަންގާރަ ދުވަހު ނޭޝަނަލް ޖޮބް ސެންޓަރުގެ ނަން ބަދަލުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއިބެހޭ ވުޒާރާ ދަށުން ހިނގަމުންދާ "ނޭޝަނަލް ޖޮބް ސެންޓަރ"ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް"ގެ ނަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވާފައިވާކަމަށެވެ. މި ބަދަލު ގެންނަވާފައިވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
އަދި މި ބަދަލު ގެންނެވުމާއެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ކެރިއަރސް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވެއެވެ.