ޚަބަރު

މޫސުމީ ހުރިހާ ބަދަލެއް ތަޖުރިބާކުރެއްވި މުޙުސިންގެ 44 އަހަރުވީ ޤައުމީ ޚިދުމަތް


  • ވަޒީފާއިން ރިޓަޔަރ ކުރެއްވިޔަސް ދާއިރާއަށާއި މަސައްކަތަށް އޮތް ލޯބި ހިތަކުން ފިލައިގެނެއް ނުދޭ

ޢަބްދުލް މުހުސިން ރާމިޒަކީ ވޭތުވެދިޔަ 44 ވަރަކަށް އަހަރު ރާއްޖޭގެ މޫސުމަށް އައި ބަދަލުތައް ކައިރިން ތަޖުރިބާ ކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރެއްވުމަށްފަހު މިހާރު ޢުމުރުން 65 އަހަރުގައި ރިޓަޔަރ ކުރެއްވިނަމަވެސް، އެ ދާއިރާއަށާއި މަސައްކަތަށް އޮތް ލޯބި ހިތަކުން ފިލައިގެން ނުދެއެވެ.

މޫސުމަށް ޝަޢުގުއުފެދުން

ހައްދުންމަތީ ފޮނަދުއަށް އުފަން މުހުސިން މާލެ ބަދަލުވީ އުމުރުން 6 އަހަރުގައެވެ. މާލޭގައި ދިރިއުޅުނުނަމަވެސް ލިބޭ ޗުއްޓީގައި ރަށަށްދެއެވެ. މިގޮތުން އޭރު ދަތުރުކުރަނީ ރިޔަލު ދޯނީގައިކަމުން ކަނޑުގެ އޮއިވަރާ މޫސުމަށް އަންނަ ބަދަލުތައް ކަނޑުމަތީގައި އެ ހޭދަވާ ދުވަސްތަކުގައި ވަރަށް ގާތުން މުހުސިނަށް ދިޔައީ ފެންނަމުންނެވެ. ދުވާލާއި އިރުއޮއްސޭއިރު ވަރަށް ތަފާތު ބަދަލުތައް އަންނަތަން ރިޔަލު ދޯނީގައި ދަތުރުކުރަމުންދިޔައިރު މުހުސިން ބަލަމުންދިޔަޢީ ވަރަށް ޝަޢުގުވެރިކަމާއެކުއެވެ. ޚާއްޞަކޮށް ވިލާތަކަށް އަންނަ ބަދަލުތައް ބަލައެވެ. މި ބަދަލުތައް ފެނި ކަން ހިނގާ ގޮތް ބެލުމަށް މުހުސިންގެ ހިތުގައި ޚާއްޞަ ޝައުޤުވެރިކަމެއް އުފެދުނެވެ.

މޫސުމީ ދާއިރާއަށް ވަދެވުނު ގޮތް

1 ޖުލައި 1980ގައި ވަކި މުސްތަގިއްލު އިދާރާއެއްގެ ގޮތުގައި މީޓިއޮރޮލޮޖިކަލް މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމަށް ނިންމާ، އޭރުގެ ސަރުކާރުން އެ އިދާރާގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާނުކުރިއެވެ. އެ ވަޒީފާއަށް ޝަޢުގުވެރިވެގެން ކުރިމަތިލީ މީހުންގެ ތެރެއިން ހަތަރު ވަރަކަށް މުވައްޒަފުން ވަޒީފާއަށް ނެގިއިރު، މުހުސިނަކީ އެއޮފީހުން ވަޒީފާ ދިން ފުރަތަމަ ބެޗުގައި ހިމެނުނު އެއް މުވައްޒަފެވެކެ.

މީޑިއޮރޮލޮޖިކަލް އޮބްޒާވަރެއްގެ މަޤާމުން ޑިރެކްޓަރެއްގެ މަޤާމަށްކުރި ދަތުރު

މުހުސިން އެންމެ ކުޑައިރުއްސުރެން ޝައުޤުވެރިވާ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވީ 16 ސެޕްޓެމްބަރު 1980 ގައެވެ. އޭރު ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގައި މީޓްރޮލޮޖިކަލް އޮބްޒާވަރެއްގެ ވަޒީފާއިން މަސައްކަތް ފެއްޓެވިއެވެ.

6 އަހަރު މަސައްކަތުގައި ހޭދަކުރެއްވުމަށްފަހު މުހުސިނަށް ވަޒީފާގެ ކުރިއެރުންތައް ލިބެން ފެށިއެވެ. އެގޮތުން އެސިސްޓަންޓް މީޓްރޮލޮޖިކަލް ފޯކާސްޓަރެއްގެ މަޤާމާއި، މީޓްރޮލޮޖިކަލް ވެދަރ ފޯކާސްޓަރެއްގެ މަޤާމާއި، ސީނިއަރ ފޯކާސްޓަރެއްގެ މަޤާމާއި، މީޓްރޮލޮޖިކަލް ޝިފްޓް ސުޕަރވައިޒަރެއްގެ އިތުރުން މީޓްރޮލޮޖިސްޓެއްގެ މަޤާމުވެސް މުހުސިން އަދާ ކުރެއްވިއެވެ. އޭގެ ފަހުން ޑެޕިއުޓީ ޑިރެކްޓަރެއްގެ މަޤާމުން ޑިރެކްޓަރެއްގެ މަޤާމަށް މުހުސިނަށް ކުރިއެރުން ލިބުނެވެ. މުހުސިން ރިޓަޔަރ ކުރެއްވިއިރު އެ މަޤާމުގައި 17 އަހަރު މަސައްކަތް ކުރެއްވިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ ނުވަތަ މެޓް އޮފީހުގެ އެންމެ އާދައިގެ ވަޒީފާއަށް ވަން މުހުސިން ވަނީ އެތަނުގެ ހުރިހާ ޔުނިޓެއްގައި މަސައްކަތް ކުރައްވަފައެވެ.
މުހުސިން ވިދާޅުވީ އޭނާ އަބަދުވެސް މަސައްކަތް ކުރެއްވީ ވަޒީފާއިން ލިބޭ މުސާރައަށްވުރެ ބޮޑަށް ދާއިރާއަށް އޮތް ޝަޢުގެއްގެ ބޮޑުކަމުންކަމަށެވެ.

އެދުވަސްވަރު މުހުސިން ދިރިއުޅެމުން އައި ވިލިމާލޭގައިކަމުން އޭނާ އެރަށުން ފެރީގައި މާލެ އައިސް، އެއަރޕޯޓަށް ދަތުރުކުރާ ފެރީއާހަމައަށް ދަނީ ހިނގާފައެވެ. އެއަށްފަހު ހުޅުލޭ ފެރީ ޓަރމިނަލުން މެޓު އޮފީހާ ހަމައަށްދަނީވެސް ހިނގާފައެވެ. ވަޒީފާގެ އެންމެ ކުރީކޮޅުން ފެށިގެން 2010 ވަނަ އަހަރު ނިމެންދެންވެސް މުހުސިން ކޮންމެ ދުވަހަކުވެސް ވަޒީފާއަށް ދިޔައީ މިގޮތުގައި އެއްވެސް ފޫހިކަމެއް ނެތިއެވެ. ވަޒީފާއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މުހުސިނަށް އެކަން އެއްވެސް ބުރަކަމަކަށް ނުވިއެވެ.

ސުނާމީ ކާރިސާގެ ބިރުވެރިކަމާއި ތަޖުރިބާ

މުހުސިން ވަނީ 2004ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގެ ކާރިސާ އަކީ ހަނދާނުން ފޮހެލަން ދަތި ދުވަހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު މުހުސިން އޮފީހަށް ވަޑައިގަތީ އެދުވަހަކީވެސް އާދައިގެގެ ދުވަހެއްގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް އެދުވަހު އޭނާ އޮފީހުގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ހުޅުލެއަށް ބޮޑު ރާޅު އެރިތަން ފެނުނެވެ. ހުޅުލޭ ރަންވޭ އޮތީ އަޑީގައެވެ. ވަރަށް ބިރުވެރި އެ ވަގުތުކޮޅު ހާސްކަމާ ބިރުވެރިކަމުގެ ތެރޭގައި ވެސް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭން މެޓް އޮފީހުން މަސައްކަތް ކުރި ކަމަށް މުހުސިން ވިދާޅުވިއެވެ.

އޭރު ވެސް އެންމެ ބޮޑަށް ވިސްނެމުންދިޔައީ މަންމަ އާއި އަނބިދަރިންނާމެދު ކަމަށް މުހުސިން ވިދާޅުވިއެވެ.

"އެ ދަނޑިވަޅުގައި ވަރަށް ބައިވަރު އެއްޗެހި ހިތަށް އެރި. އެންމެ ބޮޑަށް ހިތަށް އެރީ ދަރިންނާއި އަނބިމީހާ މަތިން. އަދި މަންމަ މަތިން ވަރަށް ހިތަށް އެރި. ރަށުގައި ގެ ހުންނަނީ އަތިރިމައްޗާ ވަރަށް ކައިރީގައި، އެ ދުވަހު އެ ދިމާލަށް 15 ފޫޓަށް ރާޅުއެރި. މާތްﷲ ގެ ރަހުމަތުން މަންމަ އަކަށް ކަމެއް ނުވޭ" މުހުސިން ވިދާޅުވިއެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ލިބިވަޑައިގެންނެވި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުގެ ބެޖާއި އައްޑަނަ ވެސް މުހުސިންއަށް ލިބިވަޑައިގެންނެވިއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ އެމީހަކު ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެގޮތުން ޤައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

މުހުސިންގެ އަގުހުރި ނަސޭހަތް

މުހުސިން ވިދާޅުވީ ކަމެއް ހާސިލް ކުރެވޭނީ ތަކުރާރުކޮށް އެކަމެއް ކޮށްގެން ކަމަށެވެ. އަދި އެ ކަމެއް އެންމެ ފުރިހަމައަށް ކުރުމަށް ވަރަށް ގިނަ ފަހަރު އެކަމެއް ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މުހުސިން ވިދާޅުވީ ތައުލީމީ ގޮތުން ކުރިއަރަން ބޭނުންވިޔަސް، ކަމެއް ދިރާސާ ކުރަން ބޭނުންވިޔަސް ވާދަކުރަން ޖެހޭނީ އަމިއްލަ ނަފްސާ ކަމަށެވެ. އަދި އެންމެ ރަނގަޅު މަގުން އިހްތިޔާރު ކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

"އަޅުގަނޑު ވާދަކުރަނީ އަޅުގަނޑާ. އެންމެ ރަނގަޅު ވާދަވެރިކަމަކީ އަމިއްލަ ނަފްސާ ވާދަކުރުން. އަމިއްލަ ނަފްސު އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރުން. އަމިއްލަ ނަފްސަށް ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބެލުން. ނުވެ ހުރި ކަންތައްތަކެއް ނޫން ބަލާނީ. އަޅުގަނޑު ބަލަނީ އަޅުގަނޑުގެ ކޮންމެ ދުވަހަކީ ވެސް ވަރަށް ކާމިޔާބު ދުވަހެއްގެ ގޮތުގައި. ހަނދާނުގައި ބަހައްޓަނީ ފޮޒިޓިވް ކަންތައްތައް" މުހުސިން ވިދާޅުވިއެވެ.

މުހުސިންގެ އުންމީދަކީ މެޓް އޮފީސް ކްލައިމެޓް ސަރވިސަސްގެ ދާއިރާ އިން އަދިވެސް ފުޅާވެގެން ދިޔުމެވެ. އުމުރުގެ 44 އަހަރު ވަޒީފާގައި ދެމި ހުރުމަށްފަހު ގެއަށް ވަޑައިގެންނެވިއިރު މުހުސިން ސިފަކުރެއްވި ގޮތުގައި އޮފީހަކީ އޭނާގެ ދެވަނަ އާއިލާއެވެ. އޮފީހުގެ މާހައުލު މިސްވިޔަސް، އަނބިމީހާ އާއި ދަރިން ވި ޤުރުބާނީ މަތިންވެސް ހަނދާން ނުނެތޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގިނަ ވަގުތު އޮފީހުގައި ހޭދަކޮށް، މިހާ ހިސާބަށް ވެސް މި އާދެވުނީ އަނބިމީހާ އާއި ކުދިން ވި ޤުރުބާނީގެ ސަބަބުން. ދުވަހަކު ވެސް ހަނދާން ނުނެތޭނެ" މުހުސިން ވިދާޅުވިއެވެ.

މިއަދު ދާއިރާއާ ދުރަށް ވަޑައިގަންނަވަން މަޖުބޫރުވިޔަސް މުހުސިން ވިދާޅުވީ އިޖުތާމާއި ހަރަކާތްތަކުގައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.