ޚަބަރު

ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ކުވެއިތު ފަންޑުން 9.8 މިލިޔަން ޑޮލަރުގެ ލޯނެއް


  • "ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ މަޤްޞަދަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން

  • ދެވަނަ ފަންތީގެ ޞިޢްހީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ފޯރުކޮށްދިނުން

ރާއްޖޭގެ ޞިއްޙީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން 3 މިލިޔަން ދީނާރު ނުވަތަ 9.8 މިލިޔަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ "ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ހިންގުމަށް ދިވެހި ސަރުކާރާއި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު ވަނީ ލޯނު އެއްބަސްވުމުއްގައި ސޮއިކޮށްފައެވެ.

މިލޯނު އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤެވެ. އަދި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ސޮއިކުރެއްވީ އެފަންޑުގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ވަލީދު އަލް ބަހަރްއެވެ. މި ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުއާއި ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ކުވައިތު އެމްބަސީ އަދި މާލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

"ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް"ގެ މަޤްޞަދަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހިމެނޭ ކުދި ރަށްރަށަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމެވެ. މިމަޝްރޫޢުގެ ސަބަބުން ޚިދުމަތް ލިބޭ ރަށްރަށުގެ މެދުގައި ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުފަތުރު ކުރުމުގެ ޚަރަދު ކުޑަވެ، ރަށްރަށުގެ އާބާދީއަށާއި ފަތުރުވެރިންނަށް ޞިއްޙީ ޚިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދީ ދެވަނަ ފަންތީގެ ޞިއްޙީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބެމުންދާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ ތެރޭގައި ހިމެނެނީ އިމާރާތްކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލް އިމާރާތްތަކާއި ޚިދުމަތުގެ އިލެކްޓްރޯ- ޓެކްނިކަލް މަސައްކަތްތައްކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޞިއްޙީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަމާ ގުޅޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖިނިއަރުންގެ ޚިދުމަތްތަކުގެ އިތުރުން މަޝްރޫޢު ތަންފީޒު ކުރުމަށްޓަކައި ޔުނިޓެއް ޤާއިމްކުރުންވެސް މިމަޝްރޫއުގައި ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.