ޚަބަރު

ސްކޮލަރޝިޕް މަޝްރޫޢަށް ޖަޕާނު ސަރުކާރުން 1.2 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް


  • 6 ސްކޮލަރޝިޕްގެ ފުރުޞަތު ލިބިގެންދާނެ

  • މިއީ ޖޭޑީއެސްގެ ދަށުން ދިން އެހީއެއް

ޖަޕާނުން ދިވެހިރާއްޖެއަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ސްކޮލަރޝިޕް މަޝްރޫޢުއަށް 161 މިލިޔަން ޖަޕާނީސް ޔެން ނުވަތަ ގާތްގަނޑަކަށް 1.02 މިލިޔަން އެމެރިކާ ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދެއްވައިފިއެވެ.

ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުން 2024 ވަނަ އަހަރަށް ދެއްވުމަށް ހަމަޖެހިފައިވާ 6 ސްކޮލަރޝިޕް ފުރުޞަތު ދެއްވައި، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ވަނީ ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.

ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ މި އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެކަމަށް އުންމީދުކުރެވޭ، ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިންމު ރޯލެއް އަދާކުރެވޭ ފެންވަރުގެ އިންސާނީ ވަޞީލަތެއް ބިނާ ކުރުން ކަމަށް ޚާރިޖީ ވަޒީރާއިން ވިދާޅުވިއެވެ.