ޚަބަރު

މެލޭޝިއާ އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް 7 އަހަރަށްފަހު ރާއްޖެއަށް


  • ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިއަދު

  • ހަފްތާއަކު 1 ދަތުރު ކުރާނެ

މެލޭޝިއާ އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ. މި ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިއަދު ހެނދުނުއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައިވަނީ 7 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެންމެ ފަހުން އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.

މެލޭޝިއާ އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަލުން ފެށުމާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި އެމްއޭސީއެލްއާއި، ފަތުރުވެރިކަމާ ބެހޭ ވުޒާރާއި، އެމްއެމްޕީއާރުސީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއަރލައިންއަށް މަރުޙަބާ ކިޔުމަށް ވަނީ ވޯޓަރ ސެލިއުޓެއް ދީފައެވެ.

މެލޭޝިއާ އެއަރލައިންސްއިން ރާއްޖެއަށް މި ފެށި ޝެޑިއުލް ދަތުރުގައި ފުރަތަމަ 168 ފަތުރުވެރިން ވަނީ އައިސްފައެވެ. މި ފަތުރުވެރިންނަށް ވީއައިއޭގައި ދިވެހި ސަޤާފީ ބޮޑުބެރާއެކު މަރުޙަބާ ކިޔާފައިވަނީ މާފަތި އަޅުވާއިގެންނެވެ.

މި ދަތުރުތައް ކުރަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި އެއަރލައިނުން ކޮންމެ ދުވަހަކު 1 ދަތުރު ރާއްޖެއަށް ކުރާނެއެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމަކަށް ވުމާއެކު މި ފެށި ދަތުރުތަކުގެ ސަބަބުން ދިވެހިންނަށް ލުއިފަސޭހަވެގެންދާނެއެވެ. އަދި މެލޭޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވުމަށް އެހީވެދޭނެއެވެ.