މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މި ޕެރޭޑު ނުވަތަ ޝަރަފްގެ ހިނގާލުން އިއްޔެ މާލޭގައި ބާއްވާފައިވާއިރު މިއަދު ބޭއްވި ހުޅުމާލޭގައެވެ.
ޝަރަފްގެ ހިނގާލުން ފެށީ ހުޅުމާލޭގައި ކޯސްޓްގާޑް އުޅަނދުތައް އޮންނަ ސަރަހައްދުންނެވެ. އަދި ހިނގާލުން ނިންމާލީ ކަލާސީން ކޮޓަށެވެ. މި ހިނގާލުމުގައި ސިފައިން ވަނީ ހުޅުމާލޭގެ ތިން ސަރަހައްދަކަށް މަޑުކޮށް ހުނަރުތައް ދައްކާލާފައެވެ.
ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ އެމްއެންޑީއެފްގެ ޕެރޭޑާއި ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗަށް ނުވަތަ ދިވެހިންގެ އާންމު ބަހުން ނަމަ ބޭންޖުމަށް ބޮޑު ތަރުހީބެއް ލިބިއެވެ.
މިގޮތުން ކޮންމެ އަހަރަކުވެސް ކުދި ބޮޑު އެތަކެއް ބަޔަކު މި ހަރަކާތް ބަލާލުމަށް މަގުތަކަށް ނިކުމެ އުފާވެރި އެއްބައިވަންތަ ވަގުތަކެއް ހޭދަކުރެއެވެ. މިއަހަރުވެސް ގިނަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ އުފާވެރި ވަގުތުކޮޅެއް ޢާއިލާއެކު ހޭދަކޮށްފައެވެ.
ޝަރަފްގެ ހިނގާލުން ބަލާލުމަށް މަގުތަކަށް ނިކުތް މީހުންގެ ތެރޭގައި ވަކި އުމުރެއްގެ ވަކި ޖިންސެއްގެ ބަޔަކު އިސްތިސްނާނުވެ، ހުރިހާ އެންމެން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. އެމްއެންޑީއެފްގެ ބޭނުންޑުން ވަނީ އެކި ހުށަހެޅުންތައް ދިވެހި ރާގުތަކަށް ހުށަހަޅައިދީފައެވެ. އަދި އާންމުންގެ ފަރާތުން ވަނީ އެ ހުށަހެޅުންތަކަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
މިނިވަންދުވަހާ ގުޅިގެން ހުޅުމާލޭގައި ބޭއްވި ހިނގާލުން ބެލުމަށް މަގުތަކަށް ނިކުތް ބައެއް ކުޑަކުދިން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން ބުނީ ހިނގާލުން ވަރަށް ކަމުދިޔަ ކަމަށެވެ. އަދި މަންމަ ނުވަތަ ބައްޕައާއެކު ހިނގާލުން ބަލަން އައިސް ތިބިކަމަށްވެސް އެކުދިން ބުންޏެވެ.
މި ހިނގާލުން ހަވީރު 16:15 ގައި ފެށިއިރު ހިނގާލުން ނިންމާލާފައިވަނީ ހަވީރު 17:15 ގައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.