ޚަބަރު

ޑޮކްޓަރަށް ދެއްކޭނެ ދުވަސް ދުރާލާ އެނގޭނެ ނިޒާމެއް އައިޖީއެމްއެޗުން ޤާއިމުކުރަނީ


  • އައިޖީއެމްއެޗްގައި ތަފާތު ދާއިރާތަކުން 32 ސްޕެޝަލިސްޓް ޚިދުމަތް ދެމުންދޭ

  • ޑޮކްޓަރަށް ދެއްކުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން

ރާއްޖޭގެ ޞިއްޙީ ނިޒާމު ބައްޓަންވެފައި އޮތްގޮތުން ބައެއް ޚިދުމަތްތަކެއް ލިބިގަތުމަށް އާންމުންނަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ. އައިޖީއެމްއެޗްގައި ތަފާތު ދާއިރާތަކުން 32 ސްޕެޝަލިސްޓް ޚިދުމަތް ދެމުން ދެމުން ގެންދެއެވެ. ގިނަ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރަނީ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހޯދުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން މިހާރު ދަނީ އެޕޮއިންޓްމަންޓް ނިޒާމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާ ބައްޓަންވެފައި އޮންނަ ގޮތުން ގިނަ ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ.

ޑރ. ޝާހު މާހިރު ވިދާޅުވީ، އެ ހޮސްޕިޓަލުންވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި އެކަންތައްތައް ހަރުދަނާކޮށް، އެޕޮއިންޓްމަންޓް ސިސްޓަމް އަވަސް ކުރަންޖެހޭ ކަމަށެވެ. މިހާރު އޮންނަ ގޮތުން މީހާ ވެއިޓިންގ ލިސްޓަށް ދާ ކަމަށާއި، ޑޮކްޓަރަށް ދެއްކޭނީ ސީދާ ކޮން ދުވަހަކުންކަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

އައު އެޕޮއިންޓްމަންޓް ސިސްޓަމަކަށް ދިޔުމުން އެ ވެއިޓިންގ ލިސްޓް ތާރީޚުތަކަކަށް ބަހާލާނެ ކަމަށާއި އޭރުން ކޮންމެ މީހަކަށްވެސް އެމީހަކު ޑޮކްޓަރަށް ދެއްކޭނެ ދުވަސް ސާފުވެ، އެޕޮއިންޓްމަންޓް ހަމަޖެހުނު ދުވަސް ދުރާލާ އެނގިގެންދާނެ ކަމަށް ޑރ. ޝާހު މާހިރު ވިދާޅުވިއެވެ. މި ނިޒާމު ތަޢާރަފު ކުރުމުގެ މަސައްކަތް އެ ހޮސްޕޮޓަލުން ވަނީ ފަށާފައެވެ.

"އެ ވެއިޓިންގ ލިސްޓުގެ ތެރެއިން ވެސް އެމަރޖެންސީކަމެއް މެދުވެރިވެއްޖެނަމަ، އިމަރޖެންސީ ޓްރައޭޖް ސިސްޓަމްގެ ތެރެއިން އަވަހަށް ޑޮކްޓަރަށް ދެއްކޭނެ ނިޒާމު ހަމަޖެހިގެންދާނެ. އެޕޮއިންޓްމަންޓް ސިސްޓަމަކަށް ދާ ހިސާބުން ޑޮކްޓަރަށް ދެއްކޭނެ ދުވަސް ކަށަވަރުވެގެންދާނެ" ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

ޑރ. ޝާހު މާހިރު އިތުރަށް ވިދާޅުވީ، މިފަދަ ސިސްޓަމަކަށް ދިޔުމުގެ ބޭނުންތަކުގެ ތެރޭގައި ރަށްތަކުން ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ ނިޒާމެއް ފަހިކޮށްދެވޭނެ ކަމަށާއި ރަށްތަކުން މާލޭ ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ޖީބުން ކުރާ ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ.

ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ އެންމެ ހާލަތު ދެރަ މީހުން ފުރޭނިގެން އަންނަ ނިޒާމެއް އަދިވެސް ނެތްކަން ފާހަގަކުރައްވާ ޑރ. ޝާހު މާހިރު ވިދާޅުވީ، ކިތަންމެ ކުޑަ ކަމެއްގައިވެސް މީހަކު ސްޕެޝަލިސްޓަކަށް ދައްކަފާނެ ކަމަށެވެ. އަދި އެގޮތަށް ދިމާވުމުން ޓަރޝަރީ ކެއަރ ފޯރުކޮށްދޭ ތަނެއްގެ ގޮތުން ކުރަންޖެހޭ ޓަރޝަރީ މަސައްކަތްތައް ކުރަން ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗް ހުޅުވިތާ 29 އަހަރުވަނީ ވެފައެވެ. އެ ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއަކީ ގާތްގަޑަކަށް 350 އެނދެވެ.

އައިޖީއެމްއެޗަކީ ރާއްޖޭގެ މައި ހޮސްޕިޓަލަށްވެފައި އެ ހޮސްޕިޓަލަށް އޮތް ޑިމާންޑާ އެއްވަރަށް ޚިދުމަތްދިނުމަށް އޮތް އެންމެ ބޮޑު އެއް ދައްޗަކީ އެނދުގެ ޢަދަދު މަދުވުމެވެ. މިކަމަށް ޙައްލެއް ގެނައުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް 74 އެނދުގެ 4 ފަންގިފިލާގެ ޢިމާރާތެއް އެޅުމުގެ މަޝްވަރާތައް ވެސް ދަނީ ކުރިއަށެވެ.