ޚަބަރު

މުހިއްމު މަޝްވަރާތަކަކަށް މަތީ ތައުލީމާބެހޭ ވަޒީރު ތުރުކީއަށް


  • އެކަމަނާ ތުރުކީއަށް ވަޑައިގަތީ ތުރުކީ ސަރުކާރުގެ ދަޢުވަތަކަށް

  • ޔުނިވަރސިޓީތަކާއި ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ.މަރްޔަމް މާރިޔާ ތުރުކީގެ އަންކާރާއަށް ވަޑައިގަންނަވައިފިއެވެ.

ތުރުކީ ސަރުކާރުގެ ދަޢުވަތަކަށް އިއްޔެ ފެއްޓެވި މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ، އައިމިނަތު ޝަޝީ އަދި ޕާމަނަންޓް ސެކެޓްރީ އައިމިނަތު ހިކްމާ ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި ވަޒީރު މާރިޔާ ތުރުކީގެ މަޝްހޫރު ޔުނިވާސިޓީތަކާއި އޯއެސްއައިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްބޭފުޅުންގެ އިތުރުން ތުރުކީ ސަރުކާރުގެ ބައެއް އިސްބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން ތުރުކީގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް ޓެކްނޮލޮޖީގެ ދަށުން މަސައްކަތްކުރާ ކޭއޯއެސްޖީއީބީ، މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓުއަރިޒަމް، އައުންސިލް އޮފް ހަޔަރ އެޑިއުކޭޝަން، އޯއެސްއާއިޓީއެމް އަދި އަންކާރާ ޔުނިވާސިޓީގެ އިސްބޭފުޅުންނާއިވެސް ވަޒީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖެގެ މަތީ ތައުލީމުގެ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި ހުނަރުވެރި ޖީލެއް ބިނާކުރުމަށް ބޭރުގެ ގިނަ ޔުނިވާސިޓީތަކާއެކު މަޝްވަރާކުރަމުންނެވެ. އަދި މި ފަދަ މަޝްވަރާތަކަށްފަހު އެކި ގައުމުތަކުން ދިވެހިންނަށް ކިޔެވުމުގެ ފުރުސަތުތައްވެސް އަންނަނީ ފަހިވަމުންކަން ފާހަގަކޮށްލެވެއެވެ.