ޚަބަރު

ގުޅުންތައް ބަދަހިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް މަރުޚަބާ ނުކިޔުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން!


  • އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެމްޑީޕީން ދަނީ ފާޑު ކިޔަމުން

ބަދަހިވަމުން އަންނަ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް އިދިކޮޅު ފަރާތްތަކުން މަރުހަބާ ނުކިޔާ، ކުރިން ހިނގާފައިވާ ކަންކަމުގެ ވާހަކަ ދައްކަނީ ސިޔާސީ މަންފާއަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެޕާޓީގެ ބައެއް އިސް ބޭފުޅުން އިންޑިއާއާއި ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް އިޝާރާތްކުރައްވައެވެ.

ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ ސަރުކާރުގެ ސިޔާސަތައް ބަދަލު ގެނެސް، އިންޑިއާއާއެކު ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިދިކޮޅު އެމްޑީޕީން މަރުހަބާ ނުކިޔުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެކަންކަމަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ކުރިން ކަންވެފައި އޮތްގޮތް ފާހަގަކޮށް ސަރުކާރަށް މަލާމާތް ކުރުމުން ދޭހަވަނީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިވާން އެ ފަރާތްތަކުން ބޭނުން ނުވާކަންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް އަމާޒުކޮށް ކުރެއްވި ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވީ މިކަންކަމަކީ ސިޔާސީގޮތުން ފައިދާތަކެއް ނަގަން ބަޔަކު ކުރާ ކަމެއްކަމަށާއި، އެކަންކަމުން ދޭހަވަނީ އެ ފަރާތްތަކަކީ އުސޫލުގައި ނުހިފެހެއްޓޭ ބައެއްކަންކަމަށެވެ.

އިންޑިއާއާ ރާއްޖޭގެ ގުޅުމާއި ގުޅޭގޮތުން އެމްޑީޕީން ދައްކާ ވާހަކަތަކަށް ރައީސް ނަޝީދު ފާޑު ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އިސް ފަރާތްތަކުން ދަނީ އިންޑިއާއާއެކު ރާއްޖެއިން ބާއްވާ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.