ޚަބަރު

ރާއްޖެއާއި އިންޑިއާއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް މަސައްކަތްކުރަނީ


  • މިމަޝްވަރާތައް ކުރިއަށްދިޔައީ ފަތުރުވެރިކަމާބެހޭ ވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި

  • އިތުރު އެއަރލައިންތައް ގެނައުމަށް އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނާއެކު މަޝްވަރާކުރާނެ

އިންޑިއާއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މިދިޔަ އަހަރު ދެލައްކަ ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި ޤައުމަކީ އިންޑިއާއެވެ. އެހެންނަމަވެސް އެޤައުމުން އަންނަ ފަތުރުވެރިންގެ ޢަދަދު ދަށްވެ މިހާރު އިންޑިއާގެ މާކެޓު އޮތީ ލިސްޓުގެ 6 ވަނައިގައެވެ. އެހެންކަމުން ރާއްޖެއަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ، އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ކުރިއަށްގެންދިޔަ ރޯޑް ޝޯވ ދަތުރުގައި އިންޑިއާގެ ގިނަ ވަޒީރުންނާއި މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ވާހަކަދެކެވުނު، ރާއްޖެއާއި އިންޑިއާއާ ދެމެދު ކަނެކްޓިވިޓީ އިތުރުކުރުމަށް. ވައިގެ ދަތުރު އިތުރުކުރެވޭނެ ގޮތަކަށް. ވިދާޅުވީ ވަރަށް ބޮޑަށް އިސްކަން ދެއްވާނެކަމަށް، ތިކޮޅަށް ފާހަގަވާ އެއަރލައިންތަކުގެ ލިސްޓެއް ފޮނުވާ އެބޭފުޅުންގެ މެނޭޖްމަންޓްތަކާއި ޓޫރިޒަމް މިނިސްޓްރީ ނުވަތަ އެމްއެމްޕީއާރްސީއާއި ގުޅުވާދެއްވުމަށް. ހަމައެކަނި މީޓިންގ އެއް ބާއްވައިގެން ނިންމާލާކަށް ނޫން އަޅުގަނޑުމެން މިތިބީ." ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ބޭއްވުމުގެ ޝައުގުވެރިވާ އެއަރލައިންތަކާއެކު، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއަރލައިންތަކުގެ އިތުރުން އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންނާއެކުވެސް މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެެކު ރާއްޖޭގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގެ ތެރެއިން ރަނގަޅު ގޮތްތަކެއް ވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަހަރުގެ ހައި ސީޒަނާއި ދިމާކޮށް ސެޕްޓެމްބަރުމަހުން ފެށިގެން ހަފްތާއަކު 21 ފްލައިޓް ރާއްޖެއަށް ބޭއްވުމަށް އިންޑިއާގެ އެއަރލައިނެއްކަމަށްވާ ވިސްޓާރާއިން ނިންމާފައިވާކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް މިހާރުވެސް 2 އެއަރލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. އެއީ އިންޑިގޯ އެއަރލައިންސާއި، ވިސްޓަރާއެވެ. މީގެއިތުރުން ރާއްޖޭގެ 2 އެއަރލައިނަކުންވެސް އަންނަނީ އިންޑިއާއަށް ސީދާ ދަތުރުތައް ބާއްވަމުންނެވެ. އެއީ ޤައުމީ އެއަރލައިން މޯލްޑިވިއަންއާއި މަންޓާ އެއަރލައިނެވެ.

ރާއްޖެއަށް އަންނަ އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު މިމަހުގެ 6 ވަނަ ދުވަހާއި ހަމައަށް އެޤައުމުން ރާއްޖެއަށް 73000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.