ޚަބަރު

ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓްކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމުކުރާނަން: ސިއްޙީ ވަޒީރު


  • ފިޔަވަޅު އަޅަންޖެހޭ މީހުންނަށް ފިޔަވަޅު އަޅާނެ

  • މިހާރު އޮތީ ރިޕޯޓްކުރަން އުނދަގޫ މަރުހަލާއެއް

ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުގައިހުރި މައްސަލަތައް ރިޕޯޓުކުރެވޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރައްވާނެކަމަށް ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ކާބޯތަކެތީގެރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއަށް އެތެކުރާ ކާބޯތަކެއްޗާއި ރާއްޖޭން ބޭރަށް ފޮނުވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ރަނގަޅު ކުރުމުގެ އުޞޫލުތައް ކަނޑައަޅައިފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަސްދީޤްކުރެއްވީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. މި ޤާނޫނަށް މާދަމާއިން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ.

މި ޤާނޫނުގެ ދަށުން ކާބޯތަކެތި ރައްކާތެރިކުރުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށެވެ. ވަޒީރު ވިދާޅުވީ، ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އިންތިޤާލީ އުސޫލު މި މަހުގެ 23 ވަނަ ދުވަހު ގެޒެޓްކުރައްވާނެކަމަށެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނަކީ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެވެ. މި ޤާނޫނުގައި ކާބޯތަކެތި ތައްޔާރުކުރުމާއި އިމްޕޯޓް އެކްސްޕޯޓް، ކާބޯތަކެތި ވިއްކާ ޚިދުމަތްދޭ ތަންތަން ހިންގުމުގެ މިންގަނޑާ ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމުގެ އުސޫލުތައް ކަނޑައަޅާފައިވެއެވެ. އަދި އާންމު ސިއްޙަތަށް ނުރައްކާވާ ޙާލަތްތަކުގައި އަޅާނެ ފިޔަވަޅުތަކާއި ޖޫރިމަނާ ވަނީ ކަނޑައަޅާފައެވެ.

ވަޒީރު ވިދާޅުވީ މި ޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބުތަކެއް ކަނޑައެޅިފައިވާއިރު 10،000 އިން ފެށިގެން 50،000އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ޤާނޫނުގެ ދަށުން ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އެއްޗެއް އުފައްދާ މީހަކީ ރާއްޖެއިން ބޭރު މީހެއްނަމަ އެމީހާ ޑީޕޯޓްކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ. މިހާރު އޮންނަ ގޮތުން ކާބޯތަކެތި އުފައްދައި ކަންމަތީފިހާރައަށް ވިއްކާ މީހުންނަކީ ކޮބައިކަން ނޭނގޭތީ ޓްރެކް ނުކުރެވޭ ކަމަށެވެ. އަދި މިހާރު ޤާނޫނު އޮންނަ ގޮތުން ކޯޓު އަމުރެއް ހޯދަންޖެހޭކަމަށާއި، ކޯޓު އަމަރު ހޯދައިގެން އެތަނަކަށްދާއިރު އެމީހަކު ތަން އެއްކޮށް ސާފުކޮށްފައި ހުންނަކަން ފާހަގަކުރެވޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް އައު ޤާނޫނުން ޓްރެކް ކުރަން އަދި ޒިންމާ ކުރެވޭނެ ފަރާތައްވެސް ހޯދޭނެ ކަމަށާއި، ޤާނޫނު ތަންފީޒުވާ ހިސާބުން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްޙީ ވަޒީރު ވިދާޅުވީ ކާބޯތަކެތި ތައްޔާރުކުރާ މީހުންނަށް އޮންލައިން ތަންތަން ހިމެނޭހެން ލައިސަންސް ނަންބަރެއް ދޫކުރާނެ ކަމަށާއި، އެ ލައިސަންސް ނަންބަރު ލޭބަލްގައި ޖަހަންޖެހޭނެ ކަމަށެވެ. އެ ނަންބަރާއެކު އެތަކެތި ތައްޔާރު ކުރި މީހާ ނުވަތަ ތަނެއް ފަސޭހައިން ދެނެގަނެވިގެންދާނެ ކަމަށެވެ.

"މިހާރު އޮތްގޮތުން ކާބޯތަކެތީގެ މައްސަލަތައް ރިޕޯޓް ކުރަން އުނދަގޫ. އެކަމަށް އަޅުގަނޑު ހައްލު ކުރާނަން. ފަސޭހައިން ރިޕޯޓް ކުރެވޭނެ ގޮތެއް ޤާއިމުކުރަން އެބަޖެހޭ، އެކަމަށް އަޅުގަނޑުމެން ވަކި ނަންބަރެއް ޤާއިމުކޮށް އާންމުންނަށް އެ ނަންބަރަށް ފޮޓޯތަކާ ވީޑިއޯތައް ވަޓްސްއަޕް އަދި ވައިބަރ ކުރެވޭނެ." ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ މިފަދަ ކަންތައްތައް ހައްލު ކުރެއްވުމަށް އާންމުންގެ އެހީތެރިކަން ވަރަށް ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.