ޚަބަރު

ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ ބޯޓުތަކަށް އިތުރު ޚިދުމަތްތައް ދޭނީ އެމްޕީއެލްއިން


  • މި އެއްބަސްވުމުގެ ދަށުން ފެނާއި ކާބޯތަކެތި އަދި ޕައިލެޓޭޖް ޚިދުމަތް އެމްޕީއެލްއިން ދޭނެ

އުތުރުގެ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ އުޅަނދުތަކަށް އިތުރު ޚިދުމަތްތައް ފޯރުވައިދިނުމަށް އެސްޓީއޯއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ތެޔޮ ފޯރުކޮށްދޭ ބޯޓުތަކަށް އެމްޕީއެލްއިން އިތުރު ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

އެމްޕީއެލް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.

އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތާއެކު، މެރިޓައިމްގެ އިތުރު ޚިދުމަތްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެސްޓީއޯ އިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭއިރު މިއެއްބަސްވުމުގެ ދަށުން އެމްޕީއެލްއިން ފޯރުކޮށްދެނީ އެ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކެވެ.

މި ފަހުމުނާމާގެ ދަށުން ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މީގެ އިތުރުން މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިންގ އާއި މެރިޓައިމްގެ ޚިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. އެގޮތުން އެއްވެސް ވަރަކަށް އިޝްތިހާރު ނުކުރެވި މިހާރުވެސް މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދުން ފެނުގެ ޚިދުމަތް ހޯދުމަށް އެދޭކަމަށެވެ. އެހެންކަމުން ތެލާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރަނގަޅު ވިޔަފާރިއެއް އުފެދޭނެ ކަމަށް

އުތުރުގައި ފަށާ އިންޓަރނޭޝަނަލް ބަންކަރިންގ ޚިދުމަތުގައި އެމްޕީއެލްއިން ރާއްޖެއަށް ގާތްކުރާ ބޯޓުފަހަރުތަކަށް މަގުދައްކައިދިނުމަށް ޕައިލެޓު ބޯޓުގެ ޚިދުމަތް ދޭނެއެވެ. އަދި ޓަގާއެކު ފެނާއި ކާބޯތަކެތި އަދި ބޯޓުތަކަށް ބޭނުންވާ އެހެނިހެން ޚިދުމަތްތަކާއި ސާމާނު ފޯރުކޮށްދިނުމަށް އެމްޕީއެލްއިން މަސައްކަތްކުރަމުންދާނެއެވެ.

ސަރުކާރުން ބަންކަރިން ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، މި ޚިދުމަތާއެކު ދިވެހި ރާއްޖެއަށް ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މި ޚިދުމަތް ފެށުމަށް ބޭނުންވާ ދެ ބޯޓު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.