ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން މަގާމުން ވަކިކޮށްފި


  • މަޖިލީހުން ވަނީ މެންބަރުން ވަކި ކުރުމަށް ރައީސަށް ލަފާ ދެއްވަން ފާސްކޮށްފައި

ރައްޔިތުންގެ މަޖިލީހުން ފާސްކުރިގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން މަޤާމުން ވަކިކުރައްވައިފިއެވެ.

އެ ޓްރައިބިއުނަލްގެ 4 މެންބަރުން ވަކި ކުރެއްވިކަން އަންގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީ ލިބިފައިވާކަން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރުމަށް ސަރުކާރަށް ލަފާ ދިނުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅި ސިޓީއަކާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ މައްސަލަ ބެލި ބެލުމުން، އެ އިދާރާއިން ކުރީ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެތައް ކަމެއް ކޮށްފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޚަރަދު ކުޑަކޮށް ކުރެވެންހުރި ކަންކަން ދައުލަތުގެ މާލިއްޔަތަށް ބުރަވާގޮތަށް، ބޮޑު އަގުގައި ކޮށްފައިހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޓްރައިބިއުނަލްގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިހުރިކަން ފާހަގަކުރެވޭތީ އެކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅުމަށްވެސް ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ.

މަޖިލީހުން ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން ހަތަރު މެންބަރުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށެވެ.

ވަކި ކުރި މެންބަރުން

މުޙައްމަދު މުނައްވަރު އަލީ (ރައީސް)
ހުސެއިން ޒައިދާން ޖަލީލް (ނައިބު ރައީސް)
ޚަދީޖާ ނައީމް (މެންބަރު)
އަހުމަދު އަޝްރަފް (މެންބަރު)

ޓެކްސް އެޕީލް ޓްރައިބިއުނަލްގަ 5 މެންބަރުން ތިއްބަވާއިރު ވަކި ނުކުރައްވަނީ އިސްމާއިލް ސާޖިދު އެކަންޏެވެ. އޭނާ ވަކިނުކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމީ، ޓްރައިބިއުނަލްގެ މައްސަލަތަކެއް މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.