ޚަބަރު

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި


  • ޕީޖީގެ މަގާމު ހުސްވީ މި މަހުގެ 22 ވަނަ ދުވަހު

  • 30 ދުވަހުގެ ތެރޭގައި ޕީޖީއެއް އައްޔަން ކުރަންޖެހޭ

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ ބުރާސްފަތިދުވަހު މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށެވެ. މި މަގާމަށް އުމުރުން 25 އަހަރުވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކުރިމަތިލެވޭނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަންނާނީ، އަންނަ މަހުގެ 10 އިން 11 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް އެ އޮފީހުން ކަމަށެވެ.

ޕީޖީގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަޤާމުން ވަކިކުރަން މި މަހުގެ 22 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވާއިރު ޕްރޮސިކިއުޓަރ ޖެނަރަލްގެ މަގާމަށް އައު ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައްވާފައިވާއިރު ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ނިންމާފައެވެ.