ޚަބަރު

ހަރުދަނާ ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތާއި މަގުދެއްކުން ބޭނުންވޭ: ރައީސް


  • ޤައުމީ މާމަ ކާފަދުވަހަކީ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަސް

  • ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިި

ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތާއި މަގުދެއްކުން ޤައުމަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ޤައުމީ މާމަ ކާފަ ދުވަހާއި ގުޅިގެން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.

ޤައުމީ ފެންވަރެއްގައި މާމާ، ކާފަ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންގެ ތަޖުރިބާއާއި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމުކަމެއްކަން ހާމަކޮށްދިނުމާއި، ސްކޫލްތަކާއި ހިންގޭ އެހެނިހެން ޕްރޮގްރާމްތަކުގައިވެސް މިކަމަށް އަހަންމިއްޔަތުކަން ދިނުމުގެ އިތުރުން މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް މި ފަދަ ދުވަހެއް ފާހަގަކުރުމެވެ.

މީގެ އިތުރުން ޢާއިލާގެ ތެރޭގައި މާމަކާފައިންނަށް އޮންނަ ގުޅުން ބަދަހިކޮށް، އެމީހުންނާމެދު އޮންނަ ލޯބި އިތުރުކުރުމާއި، މާމަކާފައިން ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި ދަރިންނާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަކީވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމެވެ. މީގެ އިތުރުން، އެމީހުނަނަށް ކަމޭހިތުމާއި އެމީހުންނަށް އަޅާލައި، އޯގާތެރިކަމާއެކު އެމީހުންނާމެދު ޢަމަލުކުރުމަށް މުޖުތަމައު އަހުލުވެރިކުރުމަކީ ވެސް މިދުވަސް ފާހަގަ ކުރުމުގެ މުހިންމު ބޭނުމެކެވެ.

މިދުވަހުގެ ތަހުނިޔާ ފޮނުއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުލާ، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފަޔެއްގެ ނަސޭހަތާއި މަގުދެއްކުން ދިވެހި ޤައުމަށް ބޭނުންވާކަމަށެވެ.

މާމަ، ކާފަޔާއެކު އުފާވެރި ވަގުތުކޮޅެއް ހޯދައިދީ، މާމަ، ކާފައާއި ދަރިން އަދި ޢާއިލާގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ކުރުމާއި، މާމަ، ކާފައަށް ރައްކާތެރި މާހައުލެއް ތަނަވަސް ކޮށްދީ، ޅަ ކުދިންނާއި، ޒުވާނުން މާމަ، ކާފައިންނަށް އިޙްތިރާމްކުރުމާއި އަޅާލާ މިންވަރު އިތުރުކުރުމަކީ ކުރުން މުހިންމު ކަމެއްގެގޮތުގައި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މާމަދަރިންނާއި ކާފަދަރިންގެ ހިތްތަކުގައި މާމަ ކާފައަށް ލޯތްބާއި އިޙްތިރާމް ޢާއިލާތެރެއިން އަށަގަންނަވައި، އެމީހުންނަށް ލޯތްބާއި އަޅާލުން ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއަކަށް ހެދުމަށް ޢާއިލީ ތަރައްޤީއާބެގޭ ވުޒާރާއިން އެދިވަޑައިގަންނަވައެވެ.