ޚަބަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ނައިބު ރައީސްވެސްވަނީ އެމްއެންޔޫގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައި

  • އެމްއެންޔޫއަށް މިއަހަރު 51 އަހަރު ވަނީ ފުރިފައި

  • އެމްއެންޔޫ އެންމެ ފުރަތަމަ ވުޖޫދުވީ އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރުގެ ނަމުގައި

  • އެއީ 1 ސެޕްޓެމްބަރު 1973 ގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫއަށް މިއަހަރު 51 އަހަރު ވަނީ ފުރިފައެވެ.

އެމްއެންޔޫގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔުނިވަރސިޓީގެ ވެރިންނާއި، މުވައްޒަފުންނާއި އެދުރުންނާއި، އިސްދަރިވަރުންނާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ފޮނުއްވާފައެވެ.

ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާކޮށް އެ ދާއިރާއިން ޒުވާނުންނަށް ހުރި ފުރުޞަތުތައް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއްދެއްވާ އެއް ދާއިރާއެވެ. އެގޮތުން މަތީ ތަޢުލީމާއި ތަމްރީންގެ ފެންވަރު ކަށަވަރުކުރުމަށްޓަކާ މަތީ ތަޢުލީމާގުޅޭ އުޞޫލުތައް މުރާޖާކޮށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މުއައްސަސާތައް ރޭންކުކުރުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަމެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ މަތީ ތަޢުލީމުގެ މުއައްސަސާއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 51 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްވެސްވަނީ ފޮނުއްވާފައެވެ.

ޤައުމީ ޔުނިވަރސިޓީ އެންމެ ފުރަތަމަ ވުޖޫދުވީ އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރުގެ ނަމުގައެވެ. އެއީ 1 ސެޕްޓެމްބަރު 1973 ގައެވެ.

އެފަހުން ތަފާތު ނަންނަމުގައި ހިންގަމުން އައިސް މޯލްޑިވްސް ނޭޝެނަލް ޔުނިވަރސިޓީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަމުގައި ހިންގަން ފެށީ 15 ފެބްރުއަރީ 2011 ގައެވެ.

ޤައުމު ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްގެ 150 އަށްވުރެ ގިނަ ކޯސް ޤައުމީ ޔުނިވަރސިޓީގެ އެކި ސެންޓަރުތަކާއި، ފެކަލްޓީތަކާއި ސްކޫލްތަކުގައި އަންނަނީ ހިންގަމުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ 4 ސަރަޙައްދެއްގައި މިވަގުތު އަންނަނީ ހިންގަމުންނެވެ.