ޚަބަރު

ރީޖަނަލް އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުމުން ބޮޑު ޚަރަދެއް ސަލާމަތްކުރެވޭނެ: ވަޒީރު ސަޢީދު


  • މި ދެކުންފުނި އެއްކޮށްލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައި

  • ހަނިމާދޫ އެއަރޕޯޓުވެސް ހިމެނޭހެން 8 އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްއާ އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުމުގެ ކަންކަން އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރީޖަނަލް އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ނިންމަވާފައެވެ. މި ނިންމެވުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރީ-ފޯރމްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ރީޖަނަލް އެއަރޕޯޓްސްއާއި އެމްއޭސީއެލް އެއްކޮށްލުން ނުވަތަ މާޖްކޮށްލުންކަމަށެވެ. އަދި މި ދެ ކުންފުނި އެއްކޮށްލުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވެނީ 31 ޖެނުއަރީ 2025 އަށް ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، މި ދެ ކުންފުނި މާޖްކޮށްލުމުގެ މަސައްކަތް ކުރިއަށްދާނީ ކޯރޕަރޭޓް ގަވަރނަންސް އުޞޫލުގެ ތެރެއިންކަމަށެވެ. އަދި ސަރުކާރުގެ މި ނިންމެވުމާއެކު އެތައް ގުނައަކުން ޚަރަދު ކުޑަކުރެވި، ދެ ކުންފުންޏަށްވެސް އޭގެ ހެޔޮ އަސަރުކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަމައެކަނި ރެންޓަށް ވިސްނާލިޔަސްވެސް ހިންގުމުގެ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދިޔައީ. އެމްއޭސީއެލްއަކީ ވަރަށް ބޮޑަށް ފައިދާވެސްވާ ކުންފުންޏެއް، ހަމައެއާއެކު ވަރަށް ބޮޑު ޒިންމާއެއްވެސް ނަގާ ކުންފުންޏެއް. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި. އެހެންވީމަ އެކުންފުނީގައި އެބަހުރި ވަރަށް ގިނަ އެހެން ޓެލެންޓްތައް އަޅުގަނޑުމެންނަށް ރީޖަނަލް އެއަރޕޯޓްސްތަކަށް އިތުރު ރެކްރޫޓްސް ނުހަދާ ބޭނުންކުރެވޭނެ ޓެކްނިކަލް ލެވެލްއެއްގައި." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ނިންމެވުމުގެ ސަބަބުން ދެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްކަށްވެސް އެއްވެސް ބުރުލެއް ނާންނާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސައްކަތްތައް އިތުރަށް ހަރުދަނާވެ އެފިޝަންޓްވެގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންގުޅުއްވާ އިކޮނޮމިކް ރިފޯމްކުރުމުގެ މަސައްކަތްތަކަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކްފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާ މަސައްކަތްތަކެއްކަމަށެވެ.

ރީޖަނަލް އެއަރޕޯޓްސްއާއި އެމްއޭސީއެލް މާޖްކޮށްލުމުގެ އިތުރުން، ފަހި ދިރިއުޅުން ކޯރޕަރޭޝަން، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި އެގްރޯނެޓްގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯރޕަރޭޝަނާއި ބީސީސީ އެއްކޮށްލުމާ ގުޅޭގޮތުންވެސް ހުރި ފުރުޞަތުތަކާ މެދު ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކުރައްވާފައެވެ.