ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސިޓީފުޅެއް ޔޫއޭއީގެ ރައީސަށް


  • ޚާރިޖީ ވަޒީރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ޚާއްސަ ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީފުޅު ޝައިޚް މުޙައްމަދު ބިން ޒައިދަށް އެރުވުމަށް އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބް އަދި ޚާރިޖީ ވަޒީރާއި ޙަވާލުކޮށްދެއްވީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ވަނީ ރާއްޖެއާމެދު ޔޫއޭއީން ބަހައްޓަމުން އަންނަ ގާތް ގުޅުމާއި އެހީތެރިކަމާއި އަދި ދެއްވަމުންދާ އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ސަރުކާރުގެ ބައެއް އެެހެން އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައި އަބޫދާބީ ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން އެ ފަނޑުން ދެއްވާ އެހީތެރިކަމަށް ޙާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ޙާރިޖީ ވަޒީރު އަބޫދާބީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޚަރިޖީ ވުޒާރައިން ވިދާޅުވެއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެމްބެސެޑަރ-އެޓް-ލާޖް، އަޙުމަދު ނަސީރު؛ އަދި ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ޙަމީދު ބައިވެރިވެވަޑައިގަންނަވައެވެ.