ޚަބަރު

މާލެ ކައިރީގައި ހިއްކަމުންދާ ސަރަޙައްދުތައް ގުޅާލުމަށް ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއް


  • ދަތުރުފަތުރުގެ ޚިދުމަތުން ގުޅާލުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއާއި ޓްރާންސްޕޯޓުން

  • މިހާރުދަނީ ރަނގަޅު މޮޑެލްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން

މާލެ ކައިރީގައި ހިއްކަމުންދާ ސަރަޙައްދުތައް ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މިމަސައްކަތް ކުރަމުންދަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި އެމްޓީސީސީ ގުޅިގެންނެވެ.

ރަސްމާލެއާއެކު މާލެ ސަރަޙައްދުގައި ގިނަ ފަޅުތަކެއް ހިއްކާ ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގައި ހިމެނޭ މުހިންމު ކަންކަމެވެ. ވަކިން ޚާއްސަކޮށް ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައިވާ އެމަނިކުފާނުގެ މެގަ މަޝްރޫޢެވެ.

މީގެތެރެއިން ބައެއް މަޝްރޫޢުގެ މަސައްކަތް އެކި ހިސާބުގައި ހިންގަމުން އަންނައިރު މިއީ މުޅި މާލެ ސަރަޙައްދުގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫޢުތަކެކެވެ.

މިތަންތަން ތަރައްޤީވަމުން އަންނައިރު ބޭނުންވާނެ ޚިދުމަތްތައް ޤާއިމުކުރުމަށް ދުރަލާ މަސައްކަތް ކުރަންޖެހެއެވެ. މީގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ސަރުކާރުން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ.

އެގޮތުން އެއްފަސްވެފައިވާ ހުރިހާ ސަރަޙައްދެއް ވަރުގަދަ ޓްރާންސްޕޯޓް ލިންކަކުން ގުޅާލުމުގެ މަސައްކަތް މިހާރުވަނީ ފައްޓަވާފައެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، އެކުންފުނިން ދަތުރުފަތުރާބެހޭ ވުޒާރާއާ ގުޅިގެން މިސަރަޙައްދުގައި ބޭނުންކުރާނެ ދަތުރުފަތުރުގެ މޮޑެލްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ރައީސްގެ ވަރަށް ބޮޑު އުއްމީދެއް، ރަސްމާލެ، ގިރާވަރުފަޅު، ގުޅިފަޅު ތަރައްޤިވެގެން އަންނައިރު އިންޓަރ ކަނެކްޓެޑް ލިންކަކުން ދަތުރުފަތުރު ގުޅާލުމަކީ. އެމަސައްކަތް އެމްޓީސީސީން މިހާރުދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން ކުރަމުން. މިކަމަށް ބޭނުންވާނެ މޮޑެލްއެއް ޑިވެލޮޕްކުރުމުގެ މަސައްކަތް." ސަޢުދީ ވިދާޅުވިއެވެ.

އެމްޓީސީސީ އެމްޑީ ވިދާޅުވީ، މާލެ ސަރަޙައްދުގެ ބަހުގެ ޚިދުމަތް ފެށޭ ގަޑި ހެނދުނު 6 އިން ފަތިހު 5 ޖަހާއިރަށް ބަދަލުކުރުމަކީވެސް މިމަސައްކަތާއި ގުޅިފައިވާ ބަދަލެއްކަމަށެވެ. އަދި މިމަސައްކަތް ބޭނުންވާ ޑޭޓާ އެއްކުރަމުންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެގޮތުން ޚިދުމަތަށް އެންމެ ގިނަ މީހުން ބޭނުންވާ ގަޑިތަކާއި ބޭނުންކުރާ މީހުންގެ ޢަދަދުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަން އެމްޓީސީސީން ފާހަގަކުރައްވައެވެ.