އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓަށް، ކުރިއަށް އޮތް އަހަރު ދުވަހަށް ބޭނުންވާ 1.2 މިލިއަން ފީފާގެ ތެޔޮ ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއާ ހަވާލުކޮށްފިއެވެ.
އެމްއޭސީއެލަށް ބޭނުންވާ ޖެޓް ފިއުލާއި ޕެޓްރޯލުގެ އިތުރުން ޑީސަލްވެސް ހިމެނޭގޮތަށް އެސްޓީއޯއިން އެމްއޭސީއެލަށް ފޯރުކޮށްދޭންޖެހޭ ތެލުގެ ޖުމްލަ އަގު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރަށް އަރާނެއެވެ. އެއަރޕޯޓުގައި ބޭނުންކުރާ ތެޔޮ މިދިޔަ އަހަރުވެސް ފޯރުކޮށްދީފައިވަނީ އެސްޓީއޯއިންނެވެ. އެމްއޭސީއެލްއަށް ޖެޓް ފިއުލް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އާދިލް މޫސާ ވިދާޅުވީ އެ ކުންފުންޏަށް ތެޔޮ ފޯރުކޮށްދިނުން އެސްޓީއޯއާއި ހަވާލުކުރަނީ، ޖެޓް ފިއުލްފަދަ ބާވަތްތަކަކީ ވަކި އުޞޫލްތަކެއްގެ ދަށުން ރައްކާކުރަން ޖެހޭ ބާވަތްތަކަށް ވާތީ އާއި އެ ކުންފުނިން ބޭނުންވާ މިންގަނޑުގައި އެސްޓީއޯއިން ތެޔޮ ފޯރުކޮށްދެމުން ދާތީކަމަށެވެ. އެއަރޕޯޓު ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކާއި ގުޅިގެން މުސްތަޤްބަލުގައި އެ ކުންފުންޏަށް ބޭނުންވާ ތެލުގެ އަދަދު އިތުރުވާނެކަމަށާއި ތެލުގެ ސްޓޯރޭޖްވެސް ތަރައްޤީވެގެން ދާނެކަމަށް އާދިލް ވިދާޅުވިއެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަހީރު ވިދާޅުވީ އެއަރޕޯޓަށް އަންނަ ބަދަލުތަކާއި އެކު އެއަރޕޯޓަށް އެ ކުންފުނިން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވެސް ތަރައްޤީކުރެވޭނެކަމަށެވެ. އަދި މިހާރުވެސް ފޯރުކޮށްދޭ ފެންވަރުގައި ޖެޓްފިއުލާއި އެހެނިހެން ތެލުގެ ބާވަތްތަށް އެމްއޭސީއެލަށް ފޯރުކޮށްދޭނެކަމަށް ޝަހީރު ވިދާޅުވިއެވެ.