ޚަބަރު

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އަލުން ހުޅުވާލައިފި


  • އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 19

  • ޖުމްލަ 17 ދާއިރާއަކުން މިއަހަރު އެވޯޑް ދޭނެ

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އަލުން ހުޅުވާލައިފިއެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

މިއީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމަށް މިއަހަރު އެންމެ ފުރަތަމަ ހުޅުވާލީ ޖޫން 9 އިން ފެށިގެން ޖުލައި 4 އަކާއި ހަމައަށެވެ. އަދި މި އެވޯޑް ދިނުމުގެ ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ގައެވެ. ނަމަވެސް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ވަނީ އެ ޖަލްސާ ފަސްކޮށްފައެވެ.

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާއިރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން މިއަހަރު އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އޭގެތެރޭގައި ވިޔަފާރިއާއި އިޤްތިޞާދު، ފަންނުވެރިކަމާއި ސަގާފަތްދިރުވުން، ދަރުމަވެރިން، ނަފްސާނީ ދުޅަހެޔޮ މުޖުތަމަޢަކަށް މަސައްކަތްކުރުން، ތިމާވެށި، ބަސް ދިރުވާ އާލާކުރުން، ކުޅިވަރު އަދި މަސްވެރިކަމާއި ދަނޑުވެރިކަން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން، ވޮކޭޝަނަލް ޓްރެއިނިން ދިނުން ފަދަ ދާއިރާތައް ހިމެނެއެވެ.

މީގެއިތުރުން ކުޅިވަރުގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް ދޭ އެވޯޑާއި، "ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާ"ވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޒުވާނުން ބާރުވެރިކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައެވެ. އަދި އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށްކަމަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން އެ ވުޒާރާގެ މެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާނުންގެ އެވޯޑަށް ކުރިމަތިލެވޭނީ، 18 އަހަރާއި 35 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދެމުން އަންނަ އެވޯޑެކެވެ.