ޚަބަރު

އައްޑޫގައި ތަރައްޤީކުރާ ގާމެންޓް ފެކްޓްރީއަށް އިންވެސްޓްކުރަން ހުޅުވާލަނީ


  • ބީސީސީއާއި އައްޑޫ ސިޓީ ކައުންސިލުން ސޮއިކުރީ 9 ޖޫންގައި

  • މި މަޝްރޫއާއެކު ރާއްޖެ އެތެރެކުރާ ފޭރާމުގެ ބާވަތްތައް މަދުވާނެ

އައްޑޫ ސިޓީގައި ޤާއިމްކުރާ ގާމެންޓް ފެކްޓްރީއަށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި އެފުރުސަތު ހުޅުވާލާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވިދާޅުވެއްޖެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ޤާއިމްކުރާ ގާމެންޓް ފެކްޓްރީގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އަމަލީ މަސައްކަތް ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ.

މި މަޝްރޫއަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާގައި ފުރުޞަތު ހުޅުވާލާން ނިންމާފައިވާއިރު މި މަޝްރޫޢު އިންވެސްޓަރުންނަށް ހުޅުވާލަން ހަމަޖެހިފައިވަނީ، ޖޮއިންޓް ވެންޗަރ އުސޫލުންނާއި، ކޮންޓްރެކްޓަރ ފައިނޭންސް އަދި ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ އުސޫލުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި މަޝްރޫޢުގެ ކޮންސަލްޓެންޓް އައްޑޫ ސިޓީއަށް ގޮސްފައިވާކަމަށް ބީސީސީން ބުނެއެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު ވިދާޅުވީ، މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފެހުމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ ފަހި ފުރުޞަތެއްކަމަށެވެ. މި ގާމެންޓް ފެކްޓްރީ ބޭނުންކޮށްގެން ފެހުމުގެ ވިޔަފާރިކުރާ ފަރާތްތަކުން އުފައްދާ އުފެއްދުންތައް ފަސޭހައިން މާކެޓްކޮށް، ބާޒާރަށް ނެރެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީވެސް ބީސީސީގެ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

ގާމެންޓް ފެކްޓްރީ ޤާއިމް ކުރަން ބޭނުންވާ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބީސީސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ޖޫން 2024 ގައެވެ. ގާމެންޓް ފެކްޓްރީ ޤާއިމް ކުރުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ބީސީސީއަށް ކުއްޔަށް ދީފައިވަނީ 30،000 އަކަފޫޓުގެ ބިމެކެވެ.

މި މަޝްރޫޢާއެކު، ރާއްޖެއަށް އެތެރެކުރާ ފޭރާމުގެ ބާވަތްތައް މަދުކޮށް، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކުރުމަކީ ބީސީސީގެ އަމާޒެކެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ އިސްނެންގެވުމާއެކު ބީސީސީން ތަރައްޤީ ކުރާ މި ފެކްޓްރީ ވެގެންދާނީ، ފެހުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ވިޔަފާރިތަކަށް ފުރުޞަތު ފަހިވުމާއެކު، ސަރުކާރުގެ ސިނާޢީ ތަރައްޤީގެ ހެޔޮ ބަދަލު އައްޑޫ ސިޓީއާއި މުޅި ރާއްޖެއިންވެސް ފެނިގެންދާނެ ކަމެއްކަމަށް ބީސީސީއިން ވަނީ ބުނެފައެވެ.