ޚަބަރު

ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް ރާއްޖެއަށް


  • މިއީ އިސްލާމިކް ފައިނޭންސް ކުރިއަރުވަން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ދޭ އެވޯޑެއް

  • އެވޯޑާ ހަވާލުވީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު

  • ރާއްޖެއަކީ އިސްލާމިކް ފައިނެންސްގެ ސަރަހައްދީ ނާރެހަކަށް ހެދުމަށްދަނީ މަސައްކަތްކުރަމުން

ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.

ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމިކް ބޭންކިންގ އަދި ފައިނޭންސް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަރުވަން މަސައްކަތްކުރަމުން އަންނަ ޤައުމުތަކާއި، މުއައްސަސާތަކާއި، ފަރުދުންގެ އަގުވަޒަންކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ އިނާމު ދިނުމުގެ ހަފްލާއެކެވެ.

މިއަހަރު މި ހަފްލާ ބާއްވާފައިވަނީ މިދިޔަ އަންގާރަދުވަހު ވިލާ ނޮޓިކާ ރިސޯޓުގައެވެ.

މި ހަފްލާގައި ރާއްޖޭއަށް ވަނީ "14 ވަނަ ގްލޯބަލް އިސްލާމިކް ފައިނެންސް ލީޑަޝިޕް އެވޯޑު 2024" ގެ ޝަރަފުވެރި އިނާމު އަރުވައިފައެވެ. މި އިނާމު ރާއްޖެއަށް ލިބިފައިވަނީ އިސްލާމިކް ފައިނޭންސް ކުރިއަރުވަން ރާއްޖެއިން މަސައްކަތްކުރަމުންދާ މިންވަރު ދެނެގަނެ މިހާތަނަށް ލިބިފައިހުރި ކާމިޔާބީތަކުގެ އަގު ވަޒަންކޮށް ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމިކް ފައިނޭންސް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކަށް ބިނާކޮށެވެ.


މި އިނާމު ބަލައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ރާއްޖޭގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤުއެވެ.

ޑރ. މުޙައްމަދު ޝަފީޤު މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ތާރީޚަށް އަލިއަޅުވާލައްވާ މިހާރު އިސްލާމިކް ފައިނޭންސްގެ ނިޒާމަށް އައިސްފާވާ ބަދަލުތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނެންސްގެ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަމާއި ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ސަރަޙައްދީ ނާރެހަކަށް ހެދުމުގެ ސަރުކާރުގެ ތަސައްވުރުވެސް ވަނީ ހިއްސާކުރައްވާފައެވެ.

މި އިނާމު ދިނުމުގެ ހަފްލާގައި ދިވެހިރާއްޖޭގެ އެހެނިހެން މާލީ މުއައްސަސާތަކުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.