ޚަބަރު

އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ރާއްޖެ ވަޑައިގެންފި


  • އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވި

  • އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ތަގުރީރުކުރެއްވި

  • ދުނިޔޭގެ ލީޑަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވި

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

އެމެރިކާއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ތަޤުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ތަޤުރީރު ކުރައްވާފައެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު، އދ.ގެ ސަލާމަތީ މަޖިލީހުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިންމު މައުޟޫޢުތަކަށް ގިނަ ތަޤުރީރުތަކެއް ދެއްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ މުހިންމު ބައެއް ބައްދަލުވުންތަކުގެ ރިޔާސަތުގައި ކޯ-ޗެއާއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެކި ވަފުދުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައިވެއެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ދަތުރުފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެނެންނެވީ މި މަހުގެ 20 ވަނަ ދުވަހުއެވެ. 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވީ، ދިވެހިރާއްޖެ، އދ.ގެ މެންބަރު ޤައުމަކަށް ވިތާ 59 އަހަރު ފުރުނު މުނާސަބާއާ ވެސްމެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.