ޚަބަރު

ކަމަދޫގައި ވޯޓަރ ޕާކެއް ތަރައްޤީކުރަނީ


  • މި މަސައްކަތަށް ބޭނުންވާ އީ.އައި.އޭ ހެދުމަށްވަނީ ހުޅުވާލާފައި

  • މިއީ އެރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަރައްޤީކުރާ ތަނެއް

  • ދެވަނަ ފިޔަވަހީގެ ދަށުން އިތުރު ޚިދުމަތްތައް އެތަނުން ލިބޭނެ

ބ. ކަމަދޫގައި ވޯޓަރ ޕާކެއް ތަރައްޤީކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

އެރަށު ކައުންސިލުން މިހާރުވަނީ ވޯޓަރ ޕާކްގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓު، އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ މި ވޯޓަރ ޕާކް ތަރައްޤީކުރަނީ އެރަށުގައި ދިވެހިންނަށް ޚާއްސަ ބީޗުގައި ކަމަށެވެ.

ކަމަދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެކެވެ. އެގޮތުން މި ބީޗަކީ އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ގެނުވާނެ ތަނަކަށްވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، މި ވޯޓަރ ޕާކުގައި ސްލައިޑުތަކާއި އިތުރު ކުޅިވަރުތައް ހިމެނޭނެ ކަމަށެވެ. އަދި އެރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ދުވަހު ކުއްޔަށް ކޮޓަރިވެސް އެތަނުން ލިބޭނެ ކަމަށެވެ. އެ މަސައްކަތްތައް ކުރިއަށްދާނީ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ވޯޓަރ ޕާކްއަށް ބޭނުންވާ ސާމާނު ހޯދުމަށް ކޮންޓްރެކްޓަރަކާއި މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، 40 ދުވަސްތެރޭ އެތަކެތި ލިބޭނެ ކަަމަށާއި އެހާތަނަށް އީއައިއޭގެ މަސައްކަތްތައް ނިންމަން ބޭނުންވާ ކަމަށެވެ.

މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ކައުންސިލްގެ ބަޖެޓުންނަށް ބައެއް އަމިއްލަ ފަރާތްތަކުން ލިބިފައިވާ އެހީތަކާއި އެކުގައިކަމަށް ކައުންސިލުން ވިދާޅުވެއެވެ.