ޚަބަރު

ޗައިނާއާއި ރާއްޖޭގެ ގުޅުންދާނީ އިތުރަށް ވަރުގަދަވަމުން، ދެޤައުމަށްވެސް ފައިދާވާނެ: ރައީސް


  • އެމަނިކުފާނު މިހެން ވިދާޅުވީ ތަޙުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި

  • ވަން ޗައިނާ ސިޔާސަތުގެ ގަބޫލުކުރުމަށް ބަދަލެއް ނާންނާނެކަމަށް ވިދާޅުވި

ރާއްޖެއާ ޗައިނާ އާއި ދެމެދު އޮތް ގުޅުން ކުރިމަގުގައި އިތުރަށް ވަރުގަދަވެގެންދާނެ ކަމަށާއި، މިއާއެކު ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންނަށްވެސް އޭގެ ފައިދާ ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 75ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަޙުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށާއި، އެޤައުމުގެ ސަރުކާރުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗައިނާއާއެކު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުމަކީ ރާއްޖެއަށް ވަރަށް މުހިންމު ގުޅުމެއްކަމަށެވެ. އަދި ރާއްޖެއިން ވަން ޗައިނާ ސިޔާސަތު ޤަބޫލުކުރާކަމާއި، ރާއްޖޭގެ ވިސްނުން އެކަމުގައި ބަދަލުނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރު އެގުޅުމަށް 52 އަހަރު ފުރޭނެއެވެ.

ޗައިނާގެ ޤައުމީ ދުވަހަކީ އޮކްޓޯބަރުމަހުގެ 1ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ. އެއީ 23 އަހަރަށް ދެމިގެންދިޔަ ޗައިނާގެ ދާޚިލީ ހަނގުރާމައިގައި، އެ ގައުމުގައި ކުރިން ވެރިކަން ކުރަމުން އައި ޗައިނީސް ނެޝަނަލިސްޓް ޕާޓީގެ މައްޗަށް ޗައިނީސް ކޮމިއުނިސްޓް ޕާޓީން ކާމިޔާބު ހޯދި ދުވަހުގެ ގޮތުގައެވެ.