ޚަބަރު

ހުޅުމާލެއިން ދޫކުރާ ޕާކިން ޖާގައަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


  • 8 ޕޮކެޓް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރާނެ

  • ޖާގަ ދޫކުރަނީ 1 އަހަރު ދުވަހަށް

ހުޅުމާލޭގެ "ޕޮކެޓް ޕާކިން" ޒޯނުތަކުން ޖާގައަށް އެދުމަށް ހުޅުވާލި ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިތުރުކޮށްފިއެެވެ.

ޕޮކެޓް ޕާކިންޒޯނުތަކުން ޖާގައަށް އެދުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

އެޗްޑީސީން ވަނީ، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 8 ޕޮކެޓް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ނިންމާފައެވެ. މި ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށެވެ. އަދި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މަހަކު 2،000 ރުފިޔާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ޕާކިން ޖާގަތަކަށް އެދުމަށް ފުރުޞަތު ފުރަތަމަ ހުޅުވާލީ މި މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ވަނީ އެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަަށް މިހާރު އިތުުކޮށްފައެވެ.

18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް މި ޕާކިން ޖާގަތަކަށް ކުރިމަތިލެވޭނެއެވެ. ޕާކިން ޖާގައަށް އެދޭ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލެއް އޮންނަންޖެހެއެވެ. އަދި ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންޖެހެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ މި ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ކަމަށެވެ. އެއަށްފަހު، ހުޅުމާލެ ފިޔަވައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެއެވެ.

މި ޕާކިން ޒޯނުތަކުން ޕާކުކުރާނެ ޖާގަ ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައަޅާނީ، އެ ޒޯނަކުން ޕާކިން ޖާގައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ގުރުއަތަކުންނެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕާކިން ޒޯނުތަކުން ޖާގަ ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ މުއްދަތުގައި ރަސްމީ ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން ފޯމު ބަލައިގަންނާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.