ޚަބަރު

ދިއްދޫގައި ޢިމާރާތްކުރާ 75 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް


  • މީގެ ކުރިންވަނީ 250 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްފައި

ހއ.ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެއެވެ.

ފަސް ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދިއްދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްދތިކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މީގެ ކުރިންވެސް ހައުސިންގ މަޝްރޫޢުތައް ހިންގާފައިވާ ދިއްދޫގައި މިވަގުތު 75 ހައުސިންގ ޔުނިޓް ޢިމާރަތްކުރުމުގެ މަސައްކަތްކުރަނީ އެރަށުގެ ހިއްކި ސަރަހައްދުގައެވެ. ގެދޮރުވެރިކަމާއި، ބިމާއި، ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، ދިއްދޫގައި ޢިމާރާތްކުރަމުން އަންނަ ހައުސިންގ ޔުނިޓްތަކުގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

އެ ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާ ބިމާއި އުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އެރަށުގައި ޢިމާރާތްކުރަމުންދާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ދެ ބްލޮކެއްގެ މަސައްކަތް އެއްކޮށް ނިމުމަކާ ހަމައަށް އައިސްފައިވާކަމަށެވެ. އަދި އިތުރު ބްލޮކްތަކުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަމަށް ރަޝީދު ވިދާޅުވިއެވެ.

ދިއްދޫގައި ޢިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓުތައް ނިންމާ މީހުން ދިރިއުޅެވޭވަރުވާނީ އަންނަ އަހަރުކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި އެ ހައުސިންޔ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އެއްހާހާ ގާތްކުރާ ޢަދަދަކަށް މީހުން ފޯމު ހުށައަޅާފައިވާކަމަށާއި، މިކަމުންވެސް އެނގެނީ އެރަށުގައި ބޯހިޔާވަހިކަމަށް އޮތް ދަތިކަންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިއާއެކު މިކަމަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"މިރަށުގައި އިތުރު 400 ހައުސިންގ ޔުނިޓް އެޅުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދެއް. އެ ހައުސިން އެޅުނީމަ ބޯހިޔާވަހިކަމަށް ވަރަށް ބޮޑު ޙައްލެއް އަންނާނެ. އަޅުގަނޑު އުންމީދު ކުރަނީ މި ދައުރުގެތެރޭގައި އެ މަޝްރޫޢުފެށި ނިންމާ ރައްޔިތުންނަށް އެ ބޯހިޔާވަހިކަން ލިބޭނެކަމަށް." ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ދިއްދޫގައި ޢިމާރަތްކުރާ 75 ހައުސިންގ ޔުނިޓް މަޝްރޫޢު ކުރިއަށްދަނީ އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢު އެކުންފުންޏާ ހަވާލުކޮށްފައިވަނީ 120 މިލިޔަން ރުފިޔާއަށެވެ.


ރޯ ހައުސްގޮތަށް ދެ ފަންގިފިލާއަށް ޢިމާރާތްކުރާ އެ ހައުސިން ކޮންމެ ޔުނިޓެއްގައި ހިމެނެނީ3 ކޮޓަރިއާއި، 3 ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގޭގެ އިތުރުން ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމެކެވެ.

ދިއްދޫގައި މީގެކުރިން ވަނީ 250 ހައުސިންގ ޔުނިޓް ޢިމާރާތްކޮށްފައެވެ. އެ ޔުނިޓްތަކުގައި މީހުން އަންނަނީ ދިރިއުޅެމުންނެވެ.