ޚަބަރު

ޒަމާނީ ފަންނިއްޔާތާ ރަށްޓެހި ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރަނީ


  • މަގު ބައްތިތައް ސްމާޓް ލައިޓަށް ބަދަލުކުރުމުގެ ޕައިލެޓް މަސައްކަތް ވަނީ ފަށާފައި

  • މިކަމުގެ ސަބަބުން މަގުތައް އަލިކުރުމަށް ކުރާ ހޭދަކުޑަކުރެވޭނެކަން ކައުންސިލުން ފާހަގަކުރޭ

ފުވައްމުލައް ސިޓީގެ މަގު ބައްތިތަކާއި އާންމު ސަރަހައްދުތަކުގައި ހުންނަ ބައްތިތައް "ސްމާޓް ލައިޓިން" އަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓު ކުރުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓް ފަށައިފިއެވެ. މިއީ ޒަމާނީ ފަންނިއްޔަތާއި ރަށްޓެހި ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަކުކުރުމުގެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތެއްކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި މަޝްރޫއުގެ އެހީގައި، ފުވައްމުލައް ސިޓީގެ މަގު ބައްތިތަކާއި އާންމު ތަންތަނުގައި ހުންނަ ބައްތިތައް ދިއްލުމާއި ނިއްވުމާއި އޭގެ އަލި ކޮންޓްރޯލް ކުރުން އަދި އެއަށް ދިމާވާ މައްސަލަތައް ފަސޭހައިން ދެނެގަނެވިގެންދާނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. މި މަޝްރޫޢު ޓެސްޓު ކުރުމުގެ ގޮތުން މިވަގުތު ފުވައްމުލައް ސިޓީގެ 2 މަގު ބައްތިއަކާއި ކުޅިވަރު ކުޅޭ 4 ދަނޑެއް (20 ބައްތި) ވަނީ ބަދަލުކޮށްފައެވެ.

ފުވައްމުލައް ސިޓީ މޭޔަރ އިސްމާޢީލް ރަފީޤް ވިދާޅުވީ އާންމު މަގު ބައްތިތަކަށްވުރެ މިބައްތިތައް ތިމާވެއްޓާއި ރަށްޓެހިވާނެކަމަށެވެ. އަދި މިބައްތިތަކުގެ ސަބަބުން މަގުތައް ދިއްލުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވުމާއެކު އަހަރެއްގެ މައްޗަށް 1 މިލިއަނާއި 2 މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

މި ޓެސްޓްތަކަށް ފަހު މިއަންނަ އަހަރުން ފެށިގެން ބައްތިތައް ސްމާޓް ލައިޓް އަށް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި ކައުންސިލްގެ ޕްލޭނަކީ ދެ އަހަރުތެރޭ ސްމާޓް ލައިޓަށް ބަދަލުކޮށް ނިންމާލުންކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ބަޖެޓުން މި މަސައްކަތް ފެށި ނަމަވެސް ކުރިއަށް އޮތްތަނުގައި މި ޕްރެޖެކްޓަށް އެހީ ހޯދުމަށް ފަންޑުދޭ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތް ކުރެވޭނެކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ފަންނިއްޔާތު ކުރިއަރުވައި ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ލިބިގަތުމަށް ލުއިފަސޭހަ ޚިދުމަތަކަށް ހެދުމުގެ ގޮތުން ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ 95 އިންސައްތަ މިހާރު އޮންލައިން ކުރެވިފައިކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީގެ މުނިސިޕަލް ޚިދުމަތްތަކާއި ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކުރެވޭ ގޮތަށް "އަފުން ސިޓީ" ޕޯޓަލް އަންނަނީ ބޭޏުންކުރަމުންނެވެ.

ހަމައެހެންމެ އެ ސިޓީއާ ގުޅުންހުރި ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން "އަފުން އަޑޮ"ގެ ނަމުގައި ޕޯޓަލެއް ލޯންޗުކޮށް ބޭނުންކުރަމުންދާކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ސްމާޓް ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފުވައްމުލައް ސިޓީން ފާހަގަކުރެއެވެ.