ޚަބަރު

ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ފުރާވަޑައިގެންފި


  • ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތައް ކުރައްވާ ދަތުރުފުޅެއް

  • ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވާ

  • މިއީ 5 ދުވަހުގެ ދަތުރުފުޅެއް

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތައް އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާ ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ދިއްލީ، އާގްރާ، މުންބާއި އަދި ބެންގަލޫރުގައި ރަސްމީ ބައްދަލުކުރެއްވުންތައް ކުރިއަށްގެންދަވާނެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ 5 ދުވަހުގެ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފައެވެ. އަދި މިއަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާ ބައްދަލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް މުހިންމު ހުރިހާ ޤައުމަކާވެސް ބަދަހި ގުޅުމެއް ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.