ޚަބަރު

ހުރިހާ އަތޮޅެއްގެ ކަނޑުތައްވެސް ގަދަވެ، 55 މޭލަށް ވައިގަދަވުން އެކަށިގެންވޭ: މެޓް އޮފީސް


  • ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ޔެލޯ އެލަރޓްގައި

ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަސަރުކުރުމަކީ އެކަށިގެންވާކަމެއްކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައިމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މެޓު އޮފީހުންވަނީ މިއަދު 11 އިން ފެށިގެން މެންދުރުފަހު 3 ޖެހުމާހަމައަށް ޔެލޯ އެލަރޓް ނެރެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށްވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާތީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު މިދުވަސްކޮޅު ގަދަވެފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 5 ދުވަހުވެސް އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް މެޓުން އޮފީހުން ލަފާކުރައްވައެވެ.

މެދުރާއްޖޭގެ ރަށްތަކަށް ޢާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ ރަށްތަކަށް 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވަނީ ލަފާކުރައްވާފައެވެ. އަދި ވިލާގަނޑުގައި 45 މޭލާއި 55 މޭލަށް ވައިގަދަ ވާނެކަމަށްވަނީ ލަފާކޮށްފައެވެ.

އެހެންކަމުން ކުރިއަށްއޮތް ގަޑިތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. އަދި ކަނޑުދަތުރުކުރުމުގައި ދަތުރަށް ފުރުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.

ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން އައްޑޫ ސިޓީއިން ގޭބިސީތަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއެވެ. މިގޮތުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އައްޑޫ ސިޓީ ގަމަށް ވަނީ ރިކޯޑު މިންވަރަކަށް ވާރޭވެހިގެން ރިކޯޑުކުރެވިފައެވެ.

އެގޮތުން އެދެދުވަހު ގަމަށް 129 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ. ހޮނިހިރު ދުވަހުން ފެށިގެން މިއަދު ހެނދުނު 8 ޖެހުމާ ހަމައަށް އެންމެ ގިނަ ވާރޭ ވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. އެރަށަށްވަނީ 54 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް ރިކޯޑުކުރެވިފައެވެ.