ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިންޑިއާއިން ހޫނު މަރުޙަބާއެއް


  • ރައީސް އަރިހުގައި ވަޒީރުންނާ ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވޭ

  • ދެޤައުމުން މުހިއްމު މަޝްވަރާތަކެއް ބާއްވަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން، ނިއުދިއްލީގެ ޕަލަމް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އިންޑިއާ ސަރުކާރުގެ އިސްވެރިންނެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން އޮންނާނީ މާދަމާ، އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީބަވަންގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވާނީ، އިންޑިއާގެ ރައީސް ދުރުޕަތީ މުރުމޫގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރަސްމީގޮތުން މަރުޙަބާ ދެންނެވުމަށްފަހު، ދެޤައުމުގެ ދެމެދު ބާއްވަވާ ރަސްމީ މަޝްވަރާތައް އޮންނާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީސް، ހައިދުރަބާދު ހައުސްގައެވެ. އެގޮތުން ދެޤައުމުގެ ވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވައި ގުޅިފައިވާ ބަޔާން ދެއްވާނެއެވެ. އަދި މުހިންމު ދާއިރާތަކަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މަޝްރޫޢޫތައް އިފްތިތާޙްކުރާނެއެވެ. އެގޮތުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރުން އިފްތިތާޙުކުރާނެއެވެ.

ދެޤައުމުގެ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ކަރަންސީ ސްވޮޕް އެއްބަސްވުމާއި، އެންޓި-ކޮރަޕްޝަންގެ ދާއިރާއާއި ޝަރުޢީ ދާއިރާ ހަރުދަނާކުރުމާއި ކުޅިވަރުގެ ދާއިރާ ފަދަ ދާއިރާތަކުން އެއްބަސްވުން އެކުލަވާލުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ނިއުދިއްލީގެ އިތުރުން އާގަރާ އާއި ވިޔަފާރީގެ ރަށް މުމްބާއީގެ އިތުރުން ބެންގަލޫރަށް ވަޑައިގަންނަވާނެއެވެ. އަދި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ހާމަކުރުމަށް ބިޒްނަސް ފޯރަމްތަކެއްވެސް ބައެއް ސިޓީތަކުގައި ބާއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިންޑިއާގެ ބައެއް ސިޓީތަކުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހުގެ 10ވަނަ ދުވަހާއި ހަމައަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅު ވެގެންދާނީ ތާރީޚީ ދަތުރުފުޅަކަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެކުރިން މިއަހަރުގެ ޖޫންމަހު ވެސް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވިއެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ދިއްލީގެ މަގުތައްވަނީ ޒީނަތްތެރިކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ ބޮޑުވަޒީރުގެ ފޮޓޯފުޅުތައް މަގުތަކުގައި ބަހައްޓާފައިވެއެވެ. އަދި ދެޤައުމުގެ ދިދަތަކުން ނިއުދިއްލީ ވަނީ ޒީނަތްތެރިކޮށްފައެވެ.