ޚަބަރު

ބޭރުގައި އުޅޭ ދިވެހިންނާއި ޚާރިޖިއްޔާއާއެކު އޮންނަ ގުޅުން ބަދަހިކުރާނަން: ޚާރިޖީ ވަޒީރު


  • ސަރުކާކުގެ ޚިދުމަތްތައް ފަސޭހަކުރާނެކަމަށް ވިދާޅުވި

ދިވެހ ޚާރިޖިއްޔާއާއި ބޭރުޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން، އެޤައުމެއްގައި ދިރިއުޅޭ ދިވެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރައްވާނެކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޚާރިޖީ ވަޒީރުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އިންޑިއާއަށް ވަޑައިގެން ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިންޑިއާއަކީ ދިވެހިންނާއި ގާތްގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ބޭސްފަރުވާއާއި ތަޢުލީމާއި ވިޔަފާރީގެ ގޮތުން އެޤައުމާއެކު ބަދަހި ގުޅުމެއް އުފެދިފައިވާކަމަށް ވިދާޅުވެފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދިވެހި ޢާއިލާތައް ރާއްޖެއިން ބޭރުގައިއުޅޭއިރު ޚާއްޞަ ސިފައަކަށްވާންވާނީ، ދިވެހި ސިފަތައް އިސްކުރުންކަމަށާއި، ޚާއްޞަކޮށް އިސްލާމީ ތަރުބިއްޔަތާ ސަގާފަތް ނަގަހައްޓަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން އުޅޭ ޤައުމުތަކުގައި އެމްބަސީ ނުވަތަ ކޮންސުލަރ ޚިދުމަތަކީ ވީހާވެސް ފަސޭހައިން ލިބޭ ޚިދުމަތަކަށް ހެދުމަށް ރައީސް ވަރަށް ބޮޑަށް ބާރުއަޅުއްވާ. ޚާއްޞަކޮށް ރާރާއްޖެ ރެޕްރެޒެންޓުކުރާ އޮފީސްތަކަކީ ދިވެހިންނާ ވަރަށް ކައިރިން މަސައްކަތްކުރާ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ހެދުމަށް ރައީސް ތަކުރާރުކޮށް ހަނދާންކޮށްދެއްވާ" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ދިވެހިންނާއި ޚާރިޖިއްޔާއާއި ދިވެހި އެމްބަސީތަކާއި މިހާރު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދޭން ކުރަންޖެހޭ މަސައްކަތް ގިނަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް ކުރައްވާ މަސައްކަތްޕުޅުން ނިއުދިއްލީގައި އުޅޭ ރައްޔިތުނަށް ފަސޭހައާއި ފާގަތިކަން ލިބޭނެކަމަށާއި ދިވެހި ޚާރިޖިއްޔާއާއި އެމްބަސީގެ ފަރާތުން ރައްޔިތުންނާއި ގާތް ގުޅުން ބާއްވަން ކުރަންޖެހޭ މަސައްކަތް އިތުރުކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.