ޚަބަރު

ރައީސް ޑރ.މުޢިއްޒުގެ އިންޑިއާ ދަތުރުފުޅަށް ދުނިޔޭގެ ސަމާލުކަން!


  • ރައީސްގެ ދަތުރުފުޅުގެ ޚަބަރުތައް ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ ގެނެސްދެމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ދަތުރުފުޅުގެ ތެރެއިން މުހިއްމު މަސައްކަތްތަކެއް ކުރިއަށްގެންދަވަން ނިންމަވާފައިވާއިރު މި ދަތުރުފުޅަށް ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަންވެސް ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޚަބަރުތައް ގެނެސްދެމުންދާ މީޑިއާތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި މީޑިއާތައް ކަމަށްވާ ބީބީސީއާއި އަލްޖަޒީރާވެސް ހިމެނެއެވެ. އަދި އިންޑިއާއާއި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ އެހެން މީޑިއާތަކުންވެސް ދަނީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅާގުޅޭ ޚަބަރުތައް ގެނެސްދެމުންނެވެ.

މީޑިއާތަކުން ގެނެސްދޭ ޚަބަރުތަކަށް ބަލާއިރު، ހަމައެކަނި އޮތީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވި ވާހަކައެއް ނޫންކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން މިދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ ތަފްސީލީ ގޮތެއްގައި ހަބަރުތައް ގެނެސްދެމުންނެވެ. އަދި މިދަތުރުފުޅާއި ގުޅިގެން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ގޮތާއި ގުޅޭގޮތުންވެސް ތަޖުރިބާކާރުންގެ ދިރާސާާ ރިޕޯޓްތައްވެސް ދަނީ ގެނެސްދެމުންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ މީޑިއާތަކާއި ވާހަކަދައްކަވައި، އިންޓަވިއުތައް ދެއްވަމުންނެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އަބަދުވެސް ބަދަހި ކަމަށެވެ. އަދި މި ދަތުރުފުޅާއެކު ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މިއީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމުންވެސް ދައްކުވައިދެނީ ދެ ޤައުމުގެ ގުޅިގެން، ގުޅުން ބަދަހިކުރެއްވުމަށް ތިއްބެވިކަންކަމަށް އިންޑިއާގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަން ގެންދަވާ ދަތުރުފުޅަށް ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާއިރު، އިންޑިއާއަށް ވަޑައިގެންނެވުމުގެ ކުރިންވެސް މި ދަތުރުފުޅާއި ގުޅޭ ހަބަރުތައް ދުނިޔޭގެ ގިނަ މީޑިއާތަކުން ވަނީ ގެނެސްދީފައެވެ. އަދި މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ.ގެ ޢާންމު މަޖިލީހުގައި މަޖިލީހުގައާއި ސިޑްސް ކޮންފަރެންސް އަދި ކޮޕް ސަމިޓުގައި ދެއްކެވި ވާހަކަފުޅުތަކާއި ކުރެއްވި މަސައްކަތަށްވެސް ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.