ޚަބަރު

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާނަން: ވަޒީރު ޑރ. ޝަފީޢު


  • ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުންނާގުޅޭ ކަންބޮޑުވުންތަކެއް އެބަހުރި

  • މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވޭނެ ގޮތެއް ޤާނޫނަކު ނެތް

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިސްނަގައިގެން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުންނާގުޅޭ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެއް ކަންބޮޑުވުމަކީ މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މުދައްރިސުން ކުރައްވަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން ބައެއް ފަހަރު އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި މަސައްކަތްކުރާ 80 އިންސައްތަ މުދައްރިސުންނަކީ އަންހެން މުދައްރިސުން. އެމީހުން ބުރަ މަސައްކަތް ކުރުމަށްފަހު ގެއަށް އައިސް، ގެވެހި ކަންކަން ކުރަންޖެހެނީވެސް އެމީހުންނަށް. އޭގެ ސަބަބުން އިތުރު ބުރައެއް އެމީހުން އުފުލަން އެ ޖެހެނީ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މުދައްރިސުންނާބެހޭ ޤާނޫނެއް ވުޖޫދުވެގެން އައިރު، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާބެހޭ އެއްވެސް ބައެއް ޤާނޫނުގައި ނެތް ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކުރެވޭނެ ގޮތެއް ނޯންނަކަމަށާއި މިއީ މުދައްރިސުންވެސް ފާހަގަކުރާ ކަންބޮޑުވުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މުދައްރިސުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.

ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތް ނުކުރާ ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ މިހާރު ކަނޑައަޅުއްވާފައެވެ. ވަޒީރު ވިދާޅުވީ، ހުކުރު ދުވަހު މަސައްކަތް ނުކުރާ ގޮތަށް ނިންމި ނިންމުމަކީ މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

"ހުކުރު ދުވަހު މަސައްކަތް ނުކުރާ ގޮތަށް ނިންމީ އެމީހުންނަށް ހުސްވަގުތު ކޮޅެއް ހޯދައިދޭންވެގެން. އެމީހުން ޢާއިލާއާ އެކީގައި ވަގުތު ހޭދަކުރަން ވަގަތުކޮޅެއް ފަހި ކޮށްދިނުން. އަދި މުދައްރިސުންނަށް ފަހި މަސައްކަތު މާޙައުލެއްވެސް ޤާއިމްކޮށްދޭންޖެހޭ. އެކަމަށްވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ މުދައްރިސުންގެ ޤާބިލްކަން އިތުރުކޮށް އެމީހުން ތަމްރީންކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ހަރުދަނާކޮށް މުދައްރިސުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އަދި ރާއްޖޭގައި މުދައްރިސްކަން ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކޮށް މުދައްރިސުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ބޭނުންވާ ދަރިވަރުން ހޯދުމުގެ މަސައްކަތް މިހާރު ތަޢުލީމީ ވުޒާރާއިން ވަނީ ފައްޓަވާފައެވެ. މިގޮތުން މިހާތަނަށް 130 ދަރިވަރުން މުދައްރިސުކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ.