ޚަބަރު

ރައީސްގެ އިންޑިއާ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭނެ ފުރުޞަތެއް: ޤާސިމް


  • ރައީސް ނަޝީދުއާއި ޤާސިމް ވަނީ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދަންނަވާފައި

  • ރާއްޖެއާއި އިންޑިއާގެ ގުޅުން ހަރުދަނާ ކުރުމަށް ލިބޭނެ ފުރުޞަތެއްކަމަށް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ހަރުދަނާ ކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ރައީސް އިންޑިއާ ކުރައްވާ ދަތުރުފުޅުން ދެ ޤައުމުގެ ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް އުންމީދީ އަދި އުފާވެރި ދުވަސްތަކެއް ކުރިއަށް އެބަ އޮތް ކަމަށެވެ.

މި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާއިރު މި ދަތުރުފުޅު ވެގެންދާނީ އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތަކަށްކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވުމަށް ރައީސްއަށް އިލްތިމާސްކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިޤްތިޞާދީ ތަރައްޤީގެ އައު އުސްމިންތަކެއް ހާސިލުކުރުމަށް އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަކީ ވަރަށް ވެސް މުހިންމު ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ.


ރައީސްގެ މިދަތުރުފުޅާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މަރުޙަބާ ދަންނަވާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްގޮތްކަންތައްތަކެއް އެބަހުރިކަމަށާއި ޚާއްސަގޮތެއްގައި އާދަކާދައާއި ތާރީޚީގޮތުންވެސް އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވަނީ ރާއްޖެއާއި އިންޑިއާ އަބަދުވެސް އޮންނަން ޖެހޭނީ އެކުވެރި ދެ ޤައުމުގެ ގޮތުގައިކަމަށާއި ހީނަރުވެފައި އޮތް ދެ ޤައުމުގެ ގުޅުން ހަރުދަނާވަމުންދާތަން ފެނުމަކީ އުފާކުރައްވާކަމެއްކަން ފާހަގަކުރައްވާފައެވެ.


މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅު ވެގެންދާނީ ތާރީޚީ ދަތުރުފުޅަކަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މީގެކުރިން މިއަހަރުގެ ޖޫންމަހު ވެސް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވިއެވެ. އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ދިއްލީގެ މަގުތައްވަނީ ޒީނަތްތެރިކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިއާގެ ބޮޑުވަޒީރުގެ ފޮޓޯފުޅުތައް މަގުތަކުގައި ބަހައްޓާފައިވެއެވެ. އަދި ދެޤައުމުގެ ދިދަތަކުން ނިއުދިއްލީ ވަނީ ޒީނަތްތެރިކޮށްފައެވެ.