ޚަބަރު

ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖެވަޑައިގަތުމުގެ ދަޢުވަތު އިންޑިއާގެ ބޮޑުވަޒީރަށް އަރުވައިފި


  • އަންނަ އަހަރު މިގުޅުމަށް 60 އަހަރު ފުރޭނެ

  • ރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރު

ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ.

މި ދަޢުވަތު ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމުގެ އިތުރުން އެ ޤައުމުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައެވެ.

އަންނަ އަހަރަކީ ރާއްޖެއާއި އިންޑިއާއިން ޚާރިޖީ ގުޅުން ރަސްމީ ގޮތުން ޤާއިމްކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ މުނާސަބާ ފާހަގަކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ.

ރައީސް ވިދާޅުވީ އިންޑިއާއާއެކު އިތުރަށް ގުޅުން ބަދަހިކޮށް ގާތުން މަސައްކަތްކުރަން ބޭނުންފުޅުވާކަމަށެވެ. އެގޮތުން އިންޑިއާއަކީ އިޖްތިމާއީ، އިޤްތިޞާދީ ގޮތުން ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިވަމުން އަންނައިރު، މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. އޭގެކުރިންވެސް ދެޤައުމުގެ ދެމެދުގައި އެކިގޮތްގޮތުން ގުޅުން އޮތްކަން އެނގެން އެބައޮތެވެ.

ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިފަހުން ފާއިތުވި ވޭތުވެގެން މިދާ 59 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ދެޤައުމުގެ ވެރިން އެއްޤައުމުން އަނެއް ޤައުމަށް ރަސްމީ ދަތުރުތައްވަނީ ބާއްވާފައެވެ. މިގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި، އަވައްޓެރި ދެޤައުމުގެ ޙައިސިއްޔަތުން އެހީތެރިކަމާއި އެއްބާރުލުން އެކިދާއިރާތަކުން ދިނުމަށް މިދަތުރުތައް މުހިންމު ދައުރެއް އަދާކުރެއެވެ.