ޚަބަރު

ފެށިގެން މިދަނީ ރާއްޖެ-އިންޑިއާ ވިޔަފާރީގެ އައު ބާބެއް: ވަޒީރު ސަޢީދު


  • ރައީސްގެ އިޤްތިޞާދީ ޕްލޭނެއް އޮތްކަން ވަޒީރު ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުމުގެ އައު ބާބެއްގެ ފެށުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެގޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބްޒިނަސް ފޯރަމް ނުވަތަ ދެޤައުމުގެ ވިޔަފާރީގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންޑިއާ - މޯލްޑިވްސް ބްޒިނަސް ފޯރަމްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ވިޔަފާރީގެ ދާއިރާގައި ދެޤައުމުގެ ގުޅުން ވަރަށް ބަދަހިކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކުރިއަށް އޮތްތަނުގައިވެސް އެގުޅުން އިތުރަށް ހަރުދަނާވާނެކަމަށް ވިދާޅުވެފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އަދި ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ކުރެއްވި މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އިޤްތިޞާދު ފުޅާކުރުމާއެކު ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރަކީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވަނީ ޑިޖިޓަލް އިކޮނޮމީއަކަށްކަމަށާއި، އަދި މާލީ ދާއިރާ ފުޅާކޮށް ރާއްޖޭގައި އައު ސިނާޢަތްތައް އުފެއްދުމަށްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެ އޮތް ސަރަހައްދުގެ ފުރިހަމަ ފައިދާ ހޯދުމަށް މެރިޓައިމް ސިނާޢަތް އުފައްދަވައި ފުޅާކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސްގެ ދަތުރުފުޅުން ފަހިވެގެންދާ ކަންކަމާއެކު ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ އައު ބާބެއް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.

“އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރަކީ ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކުރުން. އަދި މާލީ ދާއިރާ ފުޅާކޮށް، މެރިޓައިމް ޚިދުމަތްތައްވެސް ފުޅާކުރުން.”އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި އޮތީ އިންވެސްޓްމަންޓްތަކަށް ފަހި އަދި ރައްކާތެރި މާހައުލެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ޤާނޫނީގޮތުން ގެންނަވާ އިޞްލާހުތައް ތަފްސީލްކުރައްވަމުން ވަޒީރު ވަނީ ރާއްޖޭގެ 45 އަހަރުވީ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުގެ ބަދަލުގައި ޒަމާނީ އައު ޤާނޫނެއް އެކުލަވާލާ އަމަލުކުރަން ފައްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މާލީ ނިޒާމަށް ގެންނަވާ ޒަމާނީ ބަދަކލުތަކާއެކު ފިކުރީ މުދަލަށްވެސް ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވިޔަފާރީގެ ދާއރާއިން ކުރެވޭ މަސައްކަތްތަކާއެކު ދެޤައުމު ގުޅިގެން އިޤްތިޞާދީ ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.