ޚަބަރު

ރާއްޖޭގެ އަމާޒު ޑިޖިޓަލް އިޤްތިޞާދަކަށް، ރައީސް ގޮވާލެއްވީ ފުރުޞަތުތަކުގެ ބޭނުންހިފުމަށް


  • އިޤްތިޞާދުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު މުހިއްމުކަން ފާހަގަކުރެއްވި

ރާއްޖޭގެ ޢަމާޒުހުރީ ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަށްކަމަށާއި، މިދާއިރާގައި އިންވެސްޓްކުރުމަށް ރާއްޖެއަކީ ފަހި މާހައުލެއް އޮތްތަނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާ މޯލްޑީވްސް ބިޒްނަސް ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ޑިޖިޓަލް އިޤްތިޞާދެއް ގެނައުމަށް ކުރެވޭ މަސައްކަތުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ބައިވެރިއެއްކަން ފާޙަގަކުރައްވަމުން ވިދާޅުވީ ރާއްޖޭޣެ ޢުމްރާނީ އަދި ސިއްޙީ، ތަޢޫލީމް އަދި އެނޫންވެސް އެކި ދާއިރާތަކުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. އަދި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އޮންނަތާ ޒަމާންތަކެއް ފާއިތުވެއްޖެކަމަށާއި، އެގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދު ކުރިއެރުވުމުގައި ޕްރައިވެޓް ނުވަތަ އަމިއްލަ އިންވެސްޓްމަންޓްތައްވެސް މުހިންމު ދައުރެއް އަދާކުރާކަމަށާއި، އިޤްތިޞާދުގެ ކުރިއެރުން އަވަސްކޮށް އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރުމާއި، ދެމެހެްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް އަމިއްލަ ވިޔަފާރިތަކުގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ސިޔާސަތުތަކާއެކުކަމަށާއި، އެކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން މާލީ އައު ސިނާޢަތެއް އުފައްދައި ތަރައްޤީކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ޑިޖިޓަލް އިޤްތިޞާދީ ޢަމާޒަކަށް މަސައްކަތްކުރައްވާކަމަށާއި ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއްކަމުން އިންވެސްޓަރުން އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މިތަނުގައި ހުރެގެން، ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އިންތިހާއަށް ފުރުޞަތުތައް ހުޅުވާލުމުގައި، އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރެއްވުމަށް، ދަޢުވަތު އަރުވަން. އިންޑިއާގެ އިންވެސްޓަރުނަށް އަޅުގަނޑުމެން މަރުހަބާ ކިޔަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އިންވެސްޓްމަންޓަތަކަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނެވި ބަދަލުތަކުގެ ތަފްސީލްވެސް ހިއްސާކުރައްވާފައެވެ. ޚާއްޞަކޮށް ޒަމާނީ ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނެއް އުފައްދަވާފައިވާކަން ފާޙަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ ބިނާވަނީ ފަތުރުވެރިކަމުގެ މައްޗަށްކަމަށާއި، ނަމަވެސް އެ ސިނާޢަތް ފުޅާކުރުމާއެކު ކެޕިޓަލް މާކެޓް ފުޅާކޮށްގެން، ރާއްޖޭޣެ މާލީ ދާއިރާ އިސްލާހު ކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އިންޓަރނޭޝަނަލް ފައިނޭޝަނަލް ސެންޓަރު އުފެއްދުމާއެކު މާލީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް މި ކުއާޓަރުގެ ތެރޭގައި ހިންގަން ފަށާނެކަމަށެވެ. އަދި އެއީ މި ދާއިރާއިން ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތިމާވެށީގެ ދާއިރާއާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ޚާއްޞަކޮށް ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމާއެކު އިޔާދަކުރަނިވި ހަކަތައިގެ ނިސްބަތް 33%ގެ އަމާޒަށް ވާސިލްވުމަށް ކުރައްވާ މަސައްކަތް ތަފްސީލްކޮށްދެއްވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުން އޮތީ ވަރުގަދަ ބިންގަލެއްގެ މަތީގައިކަމަށާއި، ކުރެވޭ މަސައްކަތުގެ އަލީގައި ދެޤައުމަށްވެސް ފައިދާތަކެއް ކުރާނެކަމަށް އުންމީދުކުރެވޭކަމަށެވެ.