ޚަބަރު

އިންޑިއާއަކީ އަބަދުވެސް ދެގޮތެނުވެއޮތް އެކުވެރިއެއްކަން ސާބިތުކޮށްދީފި: ރައީސް


  • ދެޤައުމުގެ ޒަމާންވީ ގާތް ގުޅުމަށް އަލިއަޅުއްވާލެއްވި

އިންޑިއާއަކީ އަބަދުވެސް ދެގޮތެނުވެއޮތް އެކުވެރިއެއްކަން ސާބިތުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ ޝަރަފްގައި އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ ދެއްވި ރޭގަނޑޫގެ ޖަޢާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނާއި ރާއްޖޭގެ ވަފްތައް އިންޑިއާ ސަރުކާރުން ވިދާޅުވީ ހޫނު މަރުހަބާއާއި އަދާކުރެއްވި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ބޮޑުމިނާއި، އާބާދީއާއި، ޤައުމު އުފެދިފައިވާ ގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދު ތަފާތުތަކެއް އެބަހުރިކަމަށާއި، ނަމަވެސް ދެޤައުމުގެ ދެމެދު އެއްގޮތް ކަންތައްތަކެއްވެސް ހުރިކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި ދެޤައުމުގެ ތާރީޚާއި، ސަގާފަތްތަކާއި، މުސްތަގްބަލަށް އެކުގައި ގުޅިގެން ކުރިއަށްިދއުން ފާހަގަކުރެއްވުއެވެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިއާއަކީ އަބަދުވެސް ދެގޮތެނުވެއޮތް އެކުވެރިއެއްކަން ސާބިތުކޮށްދީފައިވާކަމަށާއި، އިޤްތިޞާދުތަކަށް ފައިދާވާ ވިޔަފާރީގެ އެއްބަސްވުންތަކާއި، ޞިއްޙަތު، ތަޢުލީމު އަދި ޓެކްނޮލޮޖީގެ ދާއިރާތަކުގައި ގުޅިގެން ކުރެވޭ މަސައްކަތްތަކާ ހަމައިން އެކަންކަން ފެނާން އެބަހުރިކަމަށެވެ. އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރި އަދި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިންޑިއާއަށް ޞިއްޙީ ފަރުވާއާއި، ތަޢުލީމާއި، ފަތުރުވެރިކަމަށް ދިގިނަ އަދަދަކަށް ދިވެހީން ދަތުރުކުރާކަމަށާއި، އިންޑިއާގެ ބޮލީވުޑު، ހުރިހާ އުމުރުފުރައެއްގެ ދިވެހިންގެ މެދުގައި މަޤްބޫލުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަންނަ އަހަރަކީ އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި ސިޔާސި ގުޅުން ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު. މިއާއެކު އަޅުގަނޑުމެންގެ ގުޅުން އިތުރަށް ވަރުގަދަވެ، މާ މަތިވެރި ހަރުފަތްތަކަކަށް އަރާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން." ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ އެހީގައި ކުރިއަށްދާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫޢުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް އަންނާނެކަމަށެވެ. އިންޑިއާއަކީ އަދިވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މާކެޓްތަކުގެ ތެރެއިން އެއް މާކެޓުކަން ފާހަގަކުރައްވާ އެކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ދެޤައުމުގެ ގުޅުމުގެތެރެއިން ކާމިޔާބީތައް ފާހަގަކުރާއިރު، ގިނަ ގޮންޖެހުންތަކެއްވެސް ހުރިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ކުރިމަތިވާނެ ގޮންޖެހުންތަކަށް ވަރަށް ފަރުވާތެރިކަމާއެކު ވިސްނަންޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޭރުގެ އެކިއެކި ފިއްތުންތަކާ ކުރިމަތިލާއިރު، ދެޤައުމުގެ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށްޓަކައި، މަޝްވަރާކުރުން މުހިންމުކަމުގައިވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޒުވާނުން ބިނާކުރުމަކީ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަމަށް ސިފަކުރައްވައި، ތަޢުލީމާއި، ވިޔަފާރިއާއި ސަގާފީ ދާއިރާއިން ޒުވާނުން ބާރުވެރިކުރުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހުރިހާ ޤައުމުތަކާއެކު ރަނގަޅު، ރަޙްމަތްތެރި ގުޅުން ދެމެހެއްޓުމަށް ވެފައިވާ ވަޢުދާއެއްގޮތަށް އެ ވަޢުދު ފުއްދުމަށް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން ޒަޢާމަތާ ހަވާލުވެވަޑައިގެން އެންމެ އިސް އަމާޒަކަށްވީ ޑިޕްލޮމަސީގެ ރިވެތި އުސޫލާއި ރަޙްމަތްތެރިކަމުގެ ތެރެއިން، ރާއްޖެއަށް ހުރިގޮންޖެހުންތައް ވިސްނައިދީ، ޙައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްޞަކޮށް މި ދަތުރުފުޅަށްފަހު، އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވާނެކަމަށް ޔަޤީންކަން އެބައޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.