ޚަބަރު

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވޭ


  • އުދައެރުމުގެ ފުރުސަތު އޮތީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި

  • މިރޭވެސް ރާއްޖޭގެ ކަނޑުތައް ގަދަ

  • ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވާންޖެހޭ

މިރޭ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށެވެ. އެގޮތުން މިހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށްވަނީ ލަފާކޮށްފައެވެ. މިގޮތުން މިރޭ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއްކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށްވެސް މެޓު އޮފީހުން ލަފާކުރައްވައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް، ހުޅަނގާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުނިމުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ލަފާކުރައްވައެވެ.

ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރުމުގައިވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ..

ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ވިދާޅުވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ، ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވެނީ، 5 ފޫޓާއި 8 ފޫޓާއި ދެމެދުގެ އުސްމިނުގައި އަދި ދެކުނުގެ ކަނޑުތަކުގެ ރާޅުތަކުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައިކަމަށް މެޓުން ވިދާޅުވެއެވެ. މެޓު އޮފީހުން ވިދާޅުވީ މިރޭ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން އުދައިގެ އަސަރު ކުރާނެކަމަށް ބެލެވޭ ރަށްތަކުން އެކަމަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.

ރާއްޖޭގެ މޫސުން މިދިޔަ ހަފްތާއިން ފެށިގެން ވަރަށް ބޮޑަށްވަނީ ގޯސްވެފައެވެ. މިގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ޙާދިސާތައް ވަނީ ހިނގާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ މޫސުމަށްބަލާއިރު އެންމެ ގިނަ ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ ސ.ގަމަށެވެ. އެގޮތުން 59 މިލިމީޓަރުގެ ވާރޭ ގަމަށްވަނީ ވެހިފައެވެ. ދެން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ 51 މިލިމީޓަރުގެ ވާރޭއާއެކު ހއ.ކެލާއަށެވެ. އަދި ވިލާގަނޑުގައި 45 މޭލު ބާރު މިނުގައި އެންމެ ބާރު ވައިޖެހިފައިވަނީ ބ.ދަރަވަންދޫއަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައި އާދަޔާ ޚިލާފަށް މުޅި ހަފްތާގައިވެސް ގަދަކަމަށްވަނީ ލަފާކޮށްފައެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް މޫސުމަށް ދެއްވުމަށް ކަމާބެހޭ އިދާރާތަކުންވަނި އިރުޝާދުދެއްވާފައެވެ.