ޚަބަރު

ބ.އަތޮޅުގެ ހުރިހާ ކައުންސިލް އިދާރާތަކެއްގައި ސޯލާ ޕެނަލް ހަރުކުރަނީ


  • މިމަޝްރޫޢުގެ ދަށުން އަތޮޅު ކައުންސިލާއި ކޮންމެ ރަށު ކައުންސިލެއްގެ ފުރާޅުގައި އިޔާދަކުރަނިވި ހަކަތަ ޤާއިމުކުރާނެ

  • މިގޮތުން 15 ކިލޯވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައި

ބ.އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

މި މަޝްރޫޢު ރަސްމީކޮށް ފައްޓަވާދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

ބ.އަތޮޅު ކައުންސިލުން ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން ބ.އަތޮޅު ކޮންމެ ރަށެއްގައި އިޔާދަކުރަނިވި ހަކަތައިގެ ސިސްޓަމްތައް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން އަތޮޅުގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާގެ ފުރާޅުގައާއި އަތޮޅު ކައުންސިލް އިދަރާގެ ފުރާޅުގައި 15 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

އިޔާދަކުރަނިވި ހަކަތައިގެ ސިނާޢަތް ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ފެއްޓެވި މިމަޝްރޫއު ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ބ. އަތޮޅު ކައުންސިލުގެ މިމަސައްކަތަކީ ތިމާވެށި ރައްކާތެރިކުރުމާއެކު ޚަރަދުކުޑަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިއާއެކު މުޅި އަތޮޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް އަތޮޅަށް ބ.އަތޮޅުވެގެންދާއިރު ތިމާވެއްޓާ ރައްޓެހިގޮތެއްގައި އަތޮޅުގެ ކަންކަން ބައްޓަންކުރުމަށް މިހާރުދަނީ ބާރުއަޅަމުންނެވެ. މިގޮތުން ފެށި ހަކަތައިގެ މިމަޝްރޫޢާއެކު އަތޮޅުގެ ރައްޔިތުންގެ މެދުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް އިތުރު ހިތްވަރެއް ލިބި ޤައުމީ ފެންވަރުގައި ހަކަތައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ބަދަލަކާ ދިމާއަށް ދިޔުމަށް މަގުފަހިވެގެންދާނެއެވެ.

އެގޮތުން ހަކަތަ އުފެއްދުމަށް ރާއްޖޭގެ ޖީޑީޕީގެ 10 އިންސައްތަ ހޭދަކުރެވޭއިރު އަތޮޅު ފެންވަރުގައާއި ރަށު އަދި ފަރުދީ ފެންވަރުގައި މިކަމަށް ކުރެވޭ ހޭދައިގެ ސަބަބުން މި ނިސްބަތް ކުޑަވެ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހަކަތައިގެ ސިނާޢަތް ބައްޓަންކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް ޕީކް ގަޑިތައް ފިޔަވާ އެހެން ގަޑިތަކުގައި ޖަނެރޭޓަރުތައް ނިއްވާލެވޭ ރަށްތަށް ހުރިކަން ފާހަގަކޮށްލެވެއެވެ.