ޚަބަރު

މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެ ވަންނަން އުޅުނު 45 މީހަކު ހުއްޓުވައިފި


  • 17 ނޮވެމްބަރުން ފެށިގެން 50 މީހަކު ވަނީ ހުއްޓުވާފައި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އޮޅުވާލައިގެން ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.

އިމިގްރޭޝަނުން ވަނީ މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ވައިގެމަގުން ރާާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުއްޓުވާފައެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 8 މީހުންނާއި ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންނެވެ.

ބޯޑަރ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

17 ނޮވެމްބަރ 2023 އިން ސެޕްޓެމްބަރު 2024ގެ ނިޔަލަށް ފާހަގަކުރެވުނު މައްސަލަތައް:

• ފޭކު ރެސިޑެންޓް ކާޑު: 1
• ފޭކު ޕާސްޕޯޓު: 31
• ފޯޖުކޮށްފައިވާ ޕާސްޕޯޓު: 1
• ވުޖޫދުގައި ނެތް ޤައުމެއްގެ ޕާސްޕޯޓު: 1
• ފޭކު އައިޑީ: 2
• ޝަހްސު އޮޅުވާލުން: 5
• ފޭކު ސްޓޭމްޕް: 4
• ފޭކު ވިސާ: 2
• ޕާސްޕޯޓުގައި ފޭކު ބައޯ ޕޭޖު ބޭނުންކުރުން: 3


މަޢުލޫމާތު އޮޅުވައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ މީހުން ދެނެގަނެ އެ މީހުން ހުއްޓުވުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަ އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.