ޚަބަރު

ޤަވާއިދަށް ގެނައި އިސްލާހާއެކު އާމްދަނީއަށް 80 މިލިޔަން ޑޮލަރު އިތުރުވާނެ: ޒަރީރު


  • އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް، އިސްލާހު ގެނެސްފައިވަނީ މިދިޔަމަހު

  • މީގެކުރިން އިންކަމް ޓެކްސްގެގޮތުގައި 40 މިލިޔަން ޑޮލަރު ލިބޭ

  • މި ބަދަލާއިއެކު އިތުރު 80 މިލިޔަން ޑޮލަރު ލިބޭނެ، ޖުމްލަ 120 މިލިޔަން ޑޮލަރު ލިބޭނެ

އިންކަމް ޓެކްސް ޤަވާއިދަށް ގެނައި އިސްލާހާއެކު ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީއަށް 80 މިލިޔަން ޑޮލަރު އިތުރުވެގެންދާނެކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަށް، ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އިސްލާހުގެނެސްފައިވަނީ މިދިޔަ މަހުގެތެރޭގައެވެ. މި އިސްލާހުގައިވާގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާން ތައްޔާރުކުރަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އަދި އެފަދަ ފަރާތްތައް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސްވެސް އެމެރިކާ ޑޮލަރުން ދެއްކުމަށް ލާޒިމުވާނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ މީގެކުރިންވެސް ބައެއް ފަރާތްތަކުން އިންކަމް ޓެކްސް ޑޮލަރުން ދައްކަމުން އައިސްފައިވާކަމަށެވެ. އެގޮތުން އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު އިންކަމް ޓެކްސްގެގޮތުގައި ޑޮލަރުން ލިބޭނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ޤަވާއިދަށް ގެނެސްފައިވާ ބަދަލާއެކު އިންކަމް ޓެކްސްގެ ގޮތުގައި ލިބޭ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޒަރީރު ވިދާޅުވިއެވެ.

" މުޅި ބަދަލާއި އެކު 120 މިލިޔަން ޑޮލަރާއި ހަމައަށް ސެކިއުރ އެބަކުރެވޭ، އޭރު މިހާރު ދައްކާ ފަރާތްތަކަށްވެސް ރުފިޔާއަށް އަލުން ބަދަލު ނުކުރެވޭ، އަދި ދެން ރުފިޔާއަށް ދައްކާ ފަރާތްތަށްވެސް ދައްކަން ޖެހޭނީ ޑޮލަރުން، އެ މުޅި ބަދަލުގެ އިމްޕެކްޓަކީ 120 މިލިޔަން ރުފިޔާ، އެހެން ނަމަވެސް ރެވެނިއުއަށް އަންނާނެ ބަދަލަކީ ޑޮލަރުން ލިބޭ އާމްދަނީ 80 މިލިޔަން ޑޮލަރުން އިތުރުވުން،" ޒަރީރު ވިދާޅުވިއެވެ.

މީރާއިން އިންކަމް ޓެކްސްއަށް ގެނެސްފައިވާ ބަދަލާއި އެކު ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުންގެތެރެއިން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް އާއި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިން ޓެކްސްގެ ބަޔާންތައްވެސް ތައްޔާރުކޮށް ޓެކްސްތައް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.

ވިތުހޯލްޑިން ޓެކްސްތަކާ ގުޅޭގޮތުން ގެނައި ބަދަލާއެކު އެމެރިކާ ޑޮލަރުން ޓެކްސް ދެއްކުމާއި ޓެކްސް ބަޔާން ތައްޔާރުކުރުން ލާޒިމުވާނީ އަންނަ އޮކްޓޯބަރު މަހުގެ 31 އިން ފެށިގެންނެވެ.