ޚަބަރު

އިންޑިއާ ދަތުރަކީ ކާމިޔާބު ދަތުރެއް، މަޤްޞަދު ހާސިލުވެއްޖެ: ރައީސް


  • ރައީސް ވަނީ އިންޑިއާ ދަތުރުން ހާސިލްވިކަންކަން ތަފްސީލްކޮށްދެއްވާފައި

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދަތުރުފުޅުގެ މަޤްޞަދު ހާސިލްވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ދިވެހި ސަރުކާރުގެ ފަރާތުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ.

ރައީސް ވަނީ އެއްވެސް ކަމެއްގައި ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހި ސަރުކާރަށް ކޮށްނުދެވޭ ކަމެއް އޮތްނަމަ އިންޑިއާ ސަރުކާރަށް ދަންނަވައިގެންވެސް އެކަންކަން ކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްކަމަށާއި، ދަތުރުފުޅުގެ މަޤްޞަދު ހާސިލްކުރެވިއްޖެކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފަހިކޮށްދޭންޖެހޭ ކަންކަން، އަދި ރައްޔިތުންގެ ހައްގުގައި އެތައްކަމަކަށް މަގު ކުރުވެގެން ގޮސްފިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ދަތުރުން އެމަގަށް ކަންކަން ފަހިވެއްޖެ. ޚާރިޖީ އިޤްތިޞާދީ އަދި އިޖުތިމާއީ ގޮތުންވެސް ކަންކަން ފަހިވެއްޖެ. އިޖުތިމާޢީ ދާއިރާއިންނޭ މިދެންނެވީ ސިއްހީ ދާއިރާއިން ޑޮކްޓަރުން ތަމްރީން ހޯދުމަށް ކުރިއަށް ދިއުން، ތައުލީމާ ކުޅިވަރު މިފަދަ ދާއިރާތައް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޑިއާ ދަތުރުފުޅުން ގެދޮރު ބިނާކުރުމަށާއި، މަސްވެރިކަމާއި އެނޫންވެސް ދާއިރާތަކުންނާއި، އިންވެސްޓްމަންޓްތައް ގެނައުންފަދަ ދާއިރާތަކުންވެސް ކަންކަން ފަހިވެގެން ގޮސްފައިވާކަމަށެވެ.