ޚަބަރު

އިންޑިއާ ކަނޑުގެ ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް


  • މިއީ ރާއްޖެއަށް ލިބުނު އިތުރު ޝަރަފެއްކަމަށް

  • ރާއްޖޭގެ ދެ ރިސޯޓަކަށް ވަނީ އެވޯޑުތައް ލިބިފައި

10 ވަނަ ވޯލްޑް ސްޕާ އެވޯޑްސްގެ އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024ގެ ޝަރަފުވެރި އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވީ މިއީ ސްޕާ އަދި ވެލްނެސް ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމުތަކުގެ މެދުގައި ދިވެހިރާއްޖެއަށް ލިބުނު އިތުރު ޝަރަފެއްކަމަށެވެ.

އަދި މިއީ ރާއްޖެއިން ލިބޭ ސްޕާ އަދި ވެލްނެސްގެ އާ އުފެންދުންތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުމާއި ރާއްޖެއިން ދޭ ޚިދުމަތްތެރި މަސައްކަތުގެ ނަތީޖާކަމަށެވެ.

މި ޝަރަފުވެރި ކާމިޔާބީގެ އިތުރުން، ރާއްޖޭގެ ދެ ރިސޯޓަކަށް ވަނީ އެވޯޑުތައް ލިބިފައެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ލިބފައިވާ އެވޯޑުތައް

● އިންޑިއަން އޯޝަންގެ ބެސްޓް ވެލްނެސް ރިޓްރީޓް 2024: ޖޯލި ބީންގް
● މޯލްޑިވްސް ބެސްޓް ރިސޯޓް ސްޕާ 2024: ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި
● މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024: ޖޯލި ބީންގް

މިއަހަރަކީ ސްޕާ އަދި ވެލްނެސް ޓޫރިޒަމްގެ ދާއިރާ ފާހަގަކޮށް ވޯލްޑް ސްޕާ އެވޯޑްސް ދޭ 10 ވަނަ އަހަރެވެ. މިއެވޯޑްތަކަކީ ދުނިޔޭގެ އެންމެ ތަފާތު އަދި ޚާއްސަ މަންޒިލްތަކަށް ފަތުރުވެރިންގެ ވޯޓުން ލިބޭ އެވޯޑްތަކެކެވެ. ވޯލްޑް ސްޕާ އެވޯޑްސްގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތައް ގެންގުޅުމަށް ހިތްވަރު ދީ، ސްޕާ އަދި ވެލްނެސް ފަތުރުވެރިކަމުގެ އެންމެ މޮޅު ޚިދުމަތްތެރިންނާ ސްޕާ ފަތުރުވެރިކަމަށް ލޯބިކުރާ ކަސްޓަމަރުން ގުޅުވާލުމެވެ.

ވޯލްޑް ސްޕާ އެވޯޑްސްގައި އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ދިވެހިރާއްޖެއަށް ވޯޓު ދިން ހުރިހާ ފަތުރުވެރިންނަށް އެމްއެމްޕީއާރުސީންވަނީ ޝުކުރު އަދާކޮށްފައެވެ. މިއެވޯޑުތަކަކީ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިދޭ ޚާއްޞަ ސްޕާ އަދި ވެލްނެސް ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ހިތްވަރެއްގެގޮތުގައި އެމްއެމްޕީއާރުސީން ދެކެއެވެ.