ޚަބަރު

ގެސްޓް ހައުސްތަކަށް މާލީ ކަންކަމުގައި ލަފާ ދިނުމަށް ޕްރޮގުރާމްތައް ހިންގުމުގެ ވިސްނުން އެބަހުރި: އެމްއައިބީ


  • ގެސްޓް ހައުސް ދާއިރާގެ ފަރާތްތަކަށް ޚާއްސަކޮށް ސިމްޕޯސިއަމެއް މިއަދު ވަނީ ފަށާފައި

  • ސިމްޕޯސިއަމްގައި 150 އަށްވުރެ ގިނަ ފަރާތްތައް ބައިވެރިވޭ

ގެސްޓް ހައުސްތަކަށް މާލީ ކަންކަމުގައި ލަފާ ދިނުމަށް ޕްރޮގުރާމްތައް ހިންގުމުގެ ވިސްނުން އެބަހުރިކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ މެނޭޖިން ޑިރެކްޓަރ މުފައްޒަލް އިދްރީސް ކުމްރީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ގެސްޓް ހައުސް އޮޕަރޭޓުކުރާ މީހުންނަށް ޚާއްސަކޮށްގެން މިއަދު ފެށި "މޯލްޑިވްސް ގެސްޓް ހައުސް ސިމްޕޯސިއަމް 2024" އާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެމްއައިބީގެ މެނޭޖިން ޑިރެކްޓަރ މުފައްޒަލް އިދްރީސް ކުމްރީ ވިދާޅުވީ މިހާރުވެސް ގެސްޓް ހައުސްތަކަށް ފައިނޭންސިންގެ އެކި ޕްރޮގުރާމްތައް އެމްއައިބީން ކުރިއަށްގެންދާ ކަމަށެވެ. އަދި ގެސްޓް ހައުސްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޓީމްތަކެއް ކަނޑައަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުފައްޒަލް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގެސްޓް ހައުސް މާލީ ލަފާ ނުވަތަ ފައިނެންޝިއަލް އެޑްވައިސް ދިނުމަށް ތަފާތު ޕްރޮގުރާމްތައް އެމްއައިބީގެ ފަރާތުން ކުރިއަށްގެންދިޔުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި މި ޕްރޮގުރާމްތަކުން ގެސްޓް ހައުސްތަކަށް ޚަރަދު ކުޑަ ކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ގެސްޓް ހައުސް ސިމްޕޯސިއަމްއިން ގިނަ ބަޔަކާ ބައްދަލުވެ ގެސްޓް ހައުސް ދާއިރާއާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިވާނެ. އަދި ގުޅިގެން މަސައްކަތް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ. ރާއްޖޭގެ ގެސްޓް ހައުސް ދާއިރާ ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން." މުފައްޒަލް ވިދާޅުވިއެވެ.

ގެސްޓް ހައުސް ސިމްޕޯސިއަމްއާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއައިބީގެ ޗީފް ބިޒްނަސް އޮފިސަރ ޙައްމާދު ރަޝީދު ޙުސައިން ވިދާޅުވީ ގެސްޓް ހައުސް ސިމްޕޯސިއަމެއް ބޭއްވުމުގެ މަޤުޞަދަކީ ދާއިރާއަށް އިންވެސްޓްކުރާ މީހުންނާއި ގެސް ޓްހައުސް ހިންގާ މީހުންނާ ގުޅުވާލަދިނުން ކަމަށެވެ. އަދި ދާއިރާގައި ހުރި ދަތިތައް ދެނެގަނެ އެކަންކަމަށް ޙައްލު ހޯދަން ގިނަ ބަޔާކާއެކު މަޝްވަރާކުރެވޭނެ މާޙައުލެއް ފަހި ކޮށްދިނުމަކީވެސް ސިމްޕޯސިއަމްގެ މަޤުޞަދެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސިމްޕޯސިއަމްގައި ގެސްޓް ހައުސް އެސޯސިއޭޝަނާއި ގެސްޓް ހައުސްތަކާއި ލިވަރބޯޑު، ގެސްޓް ހައުސްތަކަށް ސަޕްލައި ކޮށްދޭ ފަރާތްތައްވެސް ބައިވެރިވޭ. އަދި އިންޓަނޭޝަނަލް އިންވެސްޓަރުންވެސް ބައިވެރިވޭ." ޙައްމާދު ވިދާޅުވިއެވެ.

އެމްއައިބީން ގެސްޓްހައުސްގެ ވިޔަފާރިއަށް ޚާއްސަކޮށް ސިމްޕޯސިއަމެއް ބޭއްވުމުން ބައިވެރިންވަނީ އެމީހުންގެ ޝުޢޫރުތައް ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައެވެ. އެގޮތުން މި ސިމްޕޯސިއަމްގެ ސަބަބުން ދާއިރާގައި ރަނގަޅުކުރަންޖެހޭ ކަންކަމާއި މިހާރު ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިވާކަން ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.

"މިގޮތަށް އެއް ތަނަކުން ދާއިރާގެ މީހުން ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމަށް އެކީގައި މަސައްކަތްކުރުން މުހިންމު." ސިމްޕޯސިއަމްގެ ބައިވެރިޔަކު ބުންޏެވެ.

މޯލްޑިވްސް ގެސްޓް ހައުސް ސިމްޕޯސިއަމް 2024އަކީ މިފަދަ އެންމެ ފުރަތަމަ ސިމްޕޯސިއަމެވެ. އެމްއައިބީން މަޢުލޫމާތު ދޭ ގޮތުގައި މި ސިމްޕޯސިއަމް ކޮންމެ އަހަރަކުވެސް އޮންނާނެއެވެ. މިއަހަރުގެ ސިމްޕޯސިއަމް ފަށާފައިވަނީ 150 އަށްވުރެ ގިނަ މީހުންނާއެކުއެވެ. މީގެ ތެރޭގައި ގެސްޓް ހައުސް އޯނަރުންނާއި ގެސްޓް ހައުސްގެ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އިންވެސްޓަރުންނާއި ޓްރެވަލް އެޖެންޓުން ހިމެނެއެވެ.